އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ”ރީޗާޖް އެންޑް ފްލައި ޓު ޑާކާ“ ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އުރީދޫއިން ބުނި ގޮތުގައި މި ޕްރޮމޯޝަންގެ ދަށުން، 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖްކޮށްގެން ނުވަތަ އެލިޖިބަލް ޕެކެއް ބައްލަވައިގަނެގެން، މޯލްޑިވިއަން މެދުވެރިކޮށް ބަންގްލަދޭޝްގެ ޑާކާއަށް ދިއުމުގެ ދެކޮޅު ޓިކެޓް ކާމިޔާބުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
އޮގަސްޓް މަހުގެ 1 އިން ފެށިގެން 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޖުމްލަ ތިން ގުރުއަތުލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ގުރުއަތަކުން ވެސް ޝަރުތުހަމަވާ ކަސްޓަމަރުންގެ ތެރެއިން އެއް ފަރާތެއް ހޮވޭނެ ކަމަށާއި، ހޮވޭ ފަރާތަކަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ދިއުމުގެ ދެކޮޅު ޓިކެޓް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި، އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެއް ފަހަރާ 400 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑް-އޯންއެއް ބައްލަވައިގަންނަވަން ޖެހެއެވެ. ޝަރުތުހަމަވާ މުއާމަލާތެއް ނިންމާލުމާއެކު، އޮޓޮމެޓިކުން އެ މުއްދަތެއްގެ ގުރުއަތުލުމުގައި ކަސްޓަމަރު ބައިވެރިވެވޭނެއެވެ.
ޝަރުތުހަމަވާ މުއްދަތުގައި އިތުރު މުއާމަލާތްތައް ކުރި ނަމަވެސް، ކޮންމެ ކަސްޓަމަރަކަށް ވެސް ލިބޭނީ ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުސަތެވެ. މީގެއިތުރުން، ޓޫރިސްޓް ޕެކްތަކާއި، މޮބައިލް ބްރޯޑްބޭންޑް ޕެކްތަކާއި ސަބްސްކްރިޕްޝަންތަކުގެ އިތުރުން ކުންފުނިތަކާއި ވިޔަފާރި އެކައުންޓްތަކަށް ރަޖިސްޓްރީކޮށްފައިވާ ކަނެކްޝަންތައް މި ޕްރޮމޯޝަނުގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
އުރީދޫ މޯލްޑިވްސްއިން ފާހަގަކުރާ ގޮތުގައި، މި ޕްރޮމޯޝަނަކީ އާދައިގެ ރީޗާޖަކުން ދަތުރެއް ކުރުމުގެ ފުރުސަތު ފަހިކޮށްދީ، ކަސްޓަމަރުންނަށް އުފާވެރި ތަޖުރިބާތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއީ އާއިލާއާއި ރައްޓެހިންނަށް ޒިޔާރަތްކުރުމަށާއި، އައު މަންޒިލްތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
