ހަމައެކަނި އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ހަނދު ސެޓެލައިޓް ޕްރޮޖެކްޓް، "މިޝަން ޝާކްތީސެޓް" ގެ 2 ވަނަ އެޑިޝަންގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ދިވެހި ދަރިވަރެއް ކަމަށްވާ އާމިނަތު ނޯޔާ ސަމީހަށް ލިބިއްޖެއެވެ.

ވިމެން އިން މެނޭޖްމަންޓް އިން ހާމަކޮށްފައިވާ ގޮތުގައި، އިންޑިއާގެ "ސްޕޭސް ކިޑްސް އިންޑިއާ" ގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ މަރުޙަލާ އޮންނާނީ މި މަހުގެ 23 އިން 31 އަށް އިންޑިއާގެ ގްރޭޓާ ނޮއިޑާގައި ހުންނަ ގައުތަމް ބުއްދާ ޔުނިވާސިޓީގައެވެ.

ސައިންސާއި ކޮމްޕިއުޓާ ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ނޯޔާއަކީ މީގެ ކުރިންވެސް ސައިބާ ބުލީ ކުރުމާއި ސައިބާ ސޭފްޓީއަށް ހޭލުންތެރިކުރުވުމަށް ގައުމީ އަދި ބައިނަލްއަގްވާމީ ފޯރަމްތަކުގައި އަޑުއުފުޅާފައިވާ ދަރިވަރެކެވެ.

މި ޕްރޮގްރާމްގައި 108 ގައުމަކުން 14 އަހަރާއި 18 އަހަރާ ދެމެދުގެ 12,000 އަންހެން ކުދިން ބައިވެރިވާއިރު އޮންލައިންކޮށް އުނގެނުމުގެ މަރުހަލާއަށްފަހު، ކޮންމެ ގައުމަކުން ހޮވާލެވޭ ދަރިވަރަކު އިންޑިއާއަށް ގޮސް ސެޓެލައިޓްގެ ބައިތައް އަމަލީގޮތުން ގުޅުވައިލުމާއި އާލާތްތައް ފަރުމާކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ދާއިރާތަކުން އަންހެން ކުދިންނަށް ކުރިއަށްދިއުމުގެ މަގުފަހިވެގެން ދާނެއެވެ.

މި ތަޖުރިބާއާ ގުޅޭގޮތުން ނޯޔާ ބުނެފައިވަނީ، މިއީ އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެ، ބޮޑެތި ހުވަފެންތައް ދެކުމަށް ހިތްވަރު ލިބުނު ދަތުރެއް ކަމަށެވެ. ވިމެން އިން މެނޭޖްމަންޓުން ވަނީ ނޯޔާގެ މި ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ފަހުރެއްގެ ގޮތުގައި ސިފަކޮށް، މިއީ އެހެން ދިވެހި އަންހެން ކުދިންނަށްވެސް ލިބޭނެ ބޮޑު ހިތްވަރެއްކަން ފާހަގަކޮށްފައެވެ.