އިންޑޮނޭޝިއާގެ ކަނޑުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެ ބިންހެލުމުގެ އަސަރެއް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު 15:54 ގައި އިންޑޮނޭޝިއާގެ ސުމަޓްރާއަށް ކައިރިން ކަނޑުގެ ސަރަހައްދަށް އައި 6.8 މެގްނިޓިއުޑުގެ ބާރުމިނުގެ ބިން ހެލުމުގެ ސަބަބުން ރާއްޖެއަށް ބިންހެލުމުގެ ނުވަތަ ސުނާމީގެ އަސަރު ކުރާނެ ކަމަށް ލަފާނުކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ ރާއްޖޭގެ ވެރިރަށް މާލެއާ 2832 ކިލޯމީޓަރު ދުރަށްކަމަށެވެ.

އިންޑޮނީޝިއާއަކީ ވަރަށް ގިނައިން ބިންހެލުން ކުރިމަތިވާ ގައުމެކެވެ. އެ ގައުމު އޮންނަނީ ބިންހެލުންތައް އާއްމުކޮށް އަންނަ ޕެސިފިކް ކަނޑުގެ "ރިންގް އޮފް ފަޔާ" ގަ އެވެ.

މީގެއިތުރުން އިންޑޮނޭޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސް ސަރަހައްދަށް މިއަދު ފަތިހު 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މި ބިންހެލުމާ ގުޅިގެން 38 މީހުން މަރުވެ، ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާވެފައިވާކަމަށް އެ ގައުމުގެ ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީ (ބީއެންޕީބީ) އިން ވަނީ ބުނެފައެވެ.