އުރީދޫ މޯލްޑިވްސްގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން މާސްޓަކާޑާ ގުޅިގެން "މާސްޓަކާޑު ގިވްއަވޭ" ޕްރޮމޯޝަން އިފްތިތާހުކޮށް، ދެ މީހުންނަށް މެލޭޝިޔާއަށް ދެކޮޅު ޓިކެޓު ކާމިޔާބުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅިގެން އުރީދޫއިން ބުނީ 1 އޮގަސްޓުން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އުރީދޫ ސުޕައެޕް މެދުވެރިކޮށް 400 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރު އަދަދަކުން މާސްޓަކާޑު ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްކުރާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކަމަށެވެ. ޓޫރިސްޓް އަދި މޮބައިލް ބްރޯޑްބޭންޑް ޕްލޭންތައް މި ޕްރޮމޯޝަނުގައި ނުހިމެނޭކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ މި ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކާއެކު ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ. އުރީދޫއިން ބުނީ ގުރުއަތު ނަގާ ވަގުތު ކަސްޓަމަރަކީ ހިދުމަތް މެދުކެނޑިފައިނުވާ އަދި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ނެތް ކަސްޓަމަރަކަށް ވާންޖެހޭނެކަމަށެވެ. އެގޮތުން އުރީދޫ އެޕް މެދުވެރިކޮށް މަދުވެގެން 400 ރުފިޔާގެ އެއް މުއާމަލާތް މާސްޓަކާޑުން ކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވުމުގެ އެއް ފުރުސަތު ލިބޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
ސޭވްކޮށްފައިވާ މާސްޓަކާޑެއް ބޭނުންކޮށްގެން ފައިސާ ދައްކާ ކަސްޓަމަރުންނަށް ދެ ފުރުސަތު ލިބޭނެކަމަށާއި، މާސްޓަކާޑު ބޭނުންކޮށްގެން އޮޓޯޕޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް، ޝަރުތު ހަމަވާ ކޮންމެ މުއާމަލާތަކަށް ފަސް ފުރުސަތު ލިބޭނެކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ޝަރުތު ހަމަވާ ގިނަ މުއާމަލާތްތަކެއް ކޮށްގެން ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުކުރެވޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
އުރީދޫއިން ބުނީ އުރީދޫ އެޕް މެދުވެރިކޮށް ލިބެން ހުންނަ އޮޓޯޕޭގެ ސަބަބުން ކާޑުގެ މައުލޫމާތު ރައްކާތެރިކަމާއެކު ސޭވްކޮށް، ބޭނުންވާ ތާރީހެއްގައި އޮޓޯއިން ފައިސާ ދެއްކޭގޮތް ހަމަޖެއްސޭކަމަށާއި، އަމިއްލައަށް ހަނދާންކޮށްގެން ފައިސާ ދެއްކުމުގެ ބަދަލުގައި، އޮޓޯޕޭ ސެޓްއަޕް ކުރުމުން ޝަރުތު ހަމަވާ މުއާމަލާތްތައް އޮޓޯއިން ކުރިއަށްދާނެކަމަށެވެ.
އުރީދޫ ހިދުމަތްތަކާ ގުޅޭގޮތުން އެހީތެރިކަން ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ އޭއައި ޑިޖިޓަލް އެސިސްޓެންޓް "އެވީ" މެދުވެރިކޮށް މައުލޫމާތާއި އެހީތެރިކަން ހޯދޭނެކަން ފާހަގަކޮށް އުރީދޫއިން ބުނީ އެއްފަހަރު ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް، ސޭވްކޮށްފައިވާ ކާޑަކުން ކުރާ މުޢާމަލާތެއް ކަމުގައި ވިޔަސް ނުވަތަ އޮޓޯޕޭ މެދުވެރިކޮށް ކުރާ މުއާމަލާތެއް ކަމުގައި ވިޔަސް، މާސްޓަކާޑުން ކުރާ ޝަރުތު ހަމަވާ ކޮންމެ މުޢާމަލާތަކީ މެލޭޝިޔާ ދަތުރާ ގާތަށް އެޅޭ ފިޔަވަޅެއްކަމަށެވެ.
