ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އަދި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ހަރަކާތް ކަމަށްވާ "އުރީދޫ ފަން ރަން 2026" ގެ ރަސްމީ ފިނިޝާ މެޑަލް، އުރީދޫ މޯލްޑިވްސްއިން މިއަދު ދައްކާލައިފިއެވެ.

އުރީދޫއިން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ އުފާވެރި އަދި ފޯރިގަދަ ރޫހު ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި މެޑަލްއަކީ 5 ކިލޯމީޓަރުގެ ދުވުން ފުރިހަމަކުރާ ކޮންމެ ބައިވެރިޔަކަށްވެސް ލިބިގެންދާނެ ޚާއްސަ ހަނދާނީ ހަދިޔާއެކެވެ. މެޑަލްގެ ޑިޒައިންގައި ހިމެނޭ ކުލަގަދަ އަކުރުތަކުން ރަމްޒުކޮށްދެނީ ފަން ރަންގެ މައިގަނޑު އަސާސް ކަމަށްވާ އުފާވެރިކަމާއި، ފޯރިއާއި، ކާމިޔާބީގެ އިހުސާސެވެ. މިއީ ހަމައެކަނި ދުވުމެއް ނިންމާލުމުގެ ނިޝާނެއް ނޫން ކަމަށާއި، ދުވުމުގެ ތެރެއިން ބައިވެރިން ހިއްސާކުރާ ހިނިތުންވުމާއި، ގާތް ރަހުމަތްތެރިކަމުގެ އިތުރުން ހަނދާނުން ފޮހެލަން ދަތި އުފާވެރި ވަގުތުތަކުގެ ހަނދާނެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އުރީދޫ ފަން ރަންއަކީ އާއިލާތަކާއި، ރަހުމަތްތެރިން އަދި ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރާ ހުރިހާ އުމުރުފުރައެއްގެ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، އެއްބައިވަންތަކަމާއެކު އުފާފާޅުކުރުމަށް ފުރުސަތު ފަހިކޮށްދޭ ހަރަކާތެކެވެ. މަޖާ މާހައުލެއްގައި ކުރިއަށްދާ މި ދުވުމުގައި ހިމެނޭ ތަފާތު ކުލަ ސްޓޭޝަންތަކާއި، މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކާއެކު ބައިވެރިންނަށް އެމީހަކު ބޭނުން ދުވެއްޔެއްގައި ދުވެފައި، ހިނގާފައި ނުވަތަ ނަށަމުންވެސް ރޭސް ނިންމާލެވޭނެއެވެ. ކުރީގެ އަހަރުތަކުގައި ލިބުނު ބޮޑު ތަރުހީބަށް ބަލާއިރު، މިއަހަރުގެ ދުވުންވެސް ވެގެންދާނީ މުޅި މުޖުތަމައަށް އުފާވެރިކަން ގެނެސްދޭނެ ކުލަގަދަ އިވެންޓަކަށެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު އިތުރުކޮށްދީފައިވާއިރު، ރަޖިސްޓްރޭޝަންގެ އެންމެ ފަހު ވަގުތަކީ 14 ނޮވެންބަރު 2026 ގެ ރޭގަނޑު 23:59 އެވެ. އެހެންކަމުން، އަދިވެސް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ވީހާވެސް އަވަހަށް ޖާގަ ކަށަވަރުކުރުމަށް އުރީދޫ މޯލްޑިވްސްއިން ވަނީ އެދިފައެވެ.