ރާއްޖޭގެ އިގްތިސާދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން ބޭއްވުމަށް ނިންމާފައިވާ "ދަތިވެއްޖެ" މުޒާހަރާ މަޖީދީމަގުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވުމާ ގުޅިގެން އެ ޕާޓީން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ތާރީހުގައި ނުދެކޭ މިންވަރަށް ތަކެތީގެ އަގުބޮޑުވެ، ޑޮލަރުގެ ރޭޓު މަތިވަމުންދާއިރުވެސް ސަރުކާރުން އެކަމަށް އެދެވޭ ހައްލެއް ހޯދައިދެމުން ނުދާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ މި ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި، މި މަހުގެ 13 ވާ ހުކުރު ދުވަހު މުޒާހަރާއެއް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ނިންމާފައެވެ.

މި މުޒާހަރާއާ ގުޅިގެން ފުލުހުންގެ އިދާރާއާއެކު ބޭއްވުނު ބައްދަލުވުމުގައި، މާލޭގެ ގިނަ މަގުތަކެއް މަރާމާތު ކުރަމުންދާތީ، މުޒާހަރާ ބޭއްވޭނެ އެންމެ އެކަށީގެންވާ ތަނަކީ މަޖީދީ މަގު ކަމަށް ފުލުހުންގެ ގްރައުންޑް ކޮމާންޑަރުން ލަފާދެއްވި ކަމަށް އެމްޑީޕީން ބުނެއެވެ. އަދި ފަހުވަގުތު ހުއްދަ ހިފަހައްޓާފާނެ ކަމުގެ ބިރު އޮތްކަމަށް ބުނުމުން، "މިފަހަރު އެހެން ނުވާނެ" ކަމުގެ ފުރިހަމަ ޔަގީންކަން ފުލުހުން ދީފައިވާ ކަމަށްވެސް އެ ޕާޓީން ހާމަކުރެއެވެ.

ނަމަވެސް، ފުލުހުންގެ މިއިރުޝާދާ މުޅިން ހިލާފަށް، ހޯމް މިނިސްޓަރު އަލީ އިހުސާން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވަނީ މަޖީދީ މަގުގައި މުޒާހަރާކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީން ބުނި ގޮތުގައި މިއީ ފުލުހުންގެ މުއައްސަސާގެ ބަހުގެ އިތުބާރު ގެއްލޭ ގޮތަށް މިނިސްޓަރު ސިޔާސީ ނުފޫޒު ފޯރުއްވުމެވެ.

"ސުލްހަވެރިކަމާއެކު ކުރާ އިހުތިޖާޖުތަކަކީ ޑިމޮކްރެސީގެ އަސާސެކެވެ. އެ އަސާސީ ހައްގުގެ ބޭނުންކޮށް، އިހުތިޖާޖު ކުރުމުގެ ފުރުސަތު ނުދޭނޭކަމަށް މިނިސްޓަރު ވިދާޅުވި ވާހަކަފުޅަކީ، މިއީ ޑިމޮކްރެޓިކް އުސޫލުތަކަށް އިހުތިރާމު ނުކުރާ ސަރުކާރެއްކަން ހާމަކޮށް އާންމުކޮށް ކުރެއްވި އިއުލާނެކެވެ. ވީމާ، މިނިސްޓަރުގެ ވާހަކަފުޅު މި ޕާޓީން ކުށްވެރިކުރަމެވެ،"
އެމްޑީޕީ

މިނިސްޓަރުގެ އިންޒާރާ އެކުވެސް، ފުލުހުން ކުރިން ދީފައިވާ ލަފަޔާ އެއްގޮތަށް މުޒާހަރާ ކުރިއަށް ގެންދާނީ މަޖީދީ މަގުގައި ކަމަށް އެމްޑީޕީން ވަނީ އިއުލާނުކޮށްފައެވެ. އަދި ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް އެދި، މުޒާހަރާގެ ބައިވެރިންނަށް ގާނޫނީ ގޮތުން ލިބެންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަލާމަތީ ހިދުމަތްތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.