ށ. މިލަންދޫގައި ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމްގެ ވަސީލަތްތައް ބަދަލުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމާލައިފިއެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް މުޅިން ނިންމާލެވިފައިވަނީ 9 އޮގަސްޓް 2026 ގައިކަމަށެވެ.
މި މަޝްރޫއަކީ މިލަންދޫގެ ރައްޔިތުންނާއި ޒުވާނުންގެ ދުޅަހެޔޮކަމާއި، ކުޅިވަރާއި ކަސްރަތަށް ހިތްވަރުދިނުމުގެ ގޮތުން އިޖުތިމާއީ ވަސީލަތްތައް ތަރައްޤީކުރުމަށް ކުރިއަށްގެންދެވުނު މުހިންމު މަސައްކަތެއްކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން ކުރިން ބޭނުންކުރަމުންދިޔަ ބާވެފައިވާ ކަސްރަތު ސާމާނުތައް ނެގުމުގެ އިތުރުން ކޮންކުރީޓް ބޭސްތައް އަލުން ތައްޔާރުކޮށް ވަރުގަދަކުރުމާއި، އައުޓްޑޯ ޖިމްގެ އާ އަދި ޒަމާނީ އިކުއިޕްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްފައިވާކަމަށެވެ.
އެމްޓީސީސީއަކީ ރާއްޖޭގެ ރަށްރަށުގެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކުންފުންޏެކެވެ. ށ. މިލަންދޫގައި އައުޓްޑޯ ޖިމްގެ އިތުރުން، އެމްޓީސީސީން ވަނީ އެ ރަށުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންގޮސްފައެވެ.
