ސްކޭމް ސެންޓަރަށް 3000 މައްސަލަ ހުށަހަޅާފައިވާއިރު އެ މައްސަލަތަކުގައި ޖުމްލަ 35 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ގެއްލިފައިވާއިރު އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 13 މިލިއަން ރުފިޔާ (13,296,072.51 ރ) އެވެ.

އެއީ 3،000 މައްސަލައިގެ ތެރެއިން 1,196 މައްސަލައިގައެވެ. އަދި 279 މައްސަލައެއްގައި ފައިސާގެ ބައެއް ހޯދިފައިވާއިރު، މިއީ ފައިސާ ގެއްލުމަށްފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމާއި، ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެއް ކަމަށް ފުލުހުން ބުނެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައިވާއިރު ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލައިގެ އިތުރުން އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި (އިމްޕާސަނޭޝަން) 439 މައްސަލަ ހިމެނެއެވެ.

ސްކޭމް ސެންޓަރަށް ހުށަހެޅިފައިވާ މައްސަލަ ތަކުގެ ތަފާސް ހިސާބު

މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ ކޮންމެ ދުވަހަކު އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށް ކަމަށްވެއެވެ. މައްސަލަތައް ރިޕޯޓްކުރެވިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1,093 މައްސަލަ) އަދި ވައިބާ (911 މައްސަލަ) ބޭނުންކޮށްގެން ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. އަދި ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ހިނގާފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާއިރު، މިއީ ހަމައެކަނި ތަފާސްހިސާބުގެ ނަންބަރުތަކެއް ނޫނެވެ. މިއީ މުޖުތަމައުގެ 3،000 އާއިލާއަކާއި، ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއިދުވާލު ކުރި ބުރަ މަސައްކަތުން އެއްކުރި ފައިސާ، މަކަރާއި ހީލަތުގެ ދަލުގައި ޖެހި ބޭކާރުވެގެންދިޔަ ހިތާމަވެރި ހާދިސާތަކެއް ކަމަށާއި މިފަދަ އޮޅުވާލުންތަކުގެ ޝިކާރައަކަށް ތިބާ ނުވުމަށްޓަކައި، މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވާންވީއެވެ.

ސްކޭމް ސެންޓަރަށް ހުށަހެޅިފައިވާ މައްސަލަ ތަކުގެ ތަފާސް ހިސާބު

އެހެންކަމުން، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ބަލާ، އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައި ވެއެވެ. އޯޓީޕީ، ޕާސްވޯޑް، ނުވަތަ ބޭންކިންގ މައުލޫމާތު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމުގެ އިތުރުން ޝައްކުއުފެދޭ ކަމެއް ކުރިމަތިވެއްޖެނަމަ، ކަމާބެހޭ އިދާރާއަށް ލަސްނުކޮށް ހިއްސާ ކުރުމަށްވެސް އެދިފައިވެއެވެ.