ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް ގެއްލުނު މީހުން ހޯދުމަށް ވައިގެ މަގުން ޔޫއޭވީ އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ ގެއްލިގެން ހޯދަމުންދާ މީހުން ހޯދުމަށް ވައިގެ މަގުން ޔޫއޭވީގެ އިތުރުން މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކޮށްގެން ސާޗް އޮޕަރޭޝަން ހިންގަމުން އަންނަކަމަށާއި ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރުވެސް އެމީހުންހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.

ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި "ފްރެންޑް 4" ނަމަކަށް ކިޔާ ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އޭގެ ކައްޕި އާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު ސިފައިންގެ މީހަކާއި ފުލުހަކު ވަނީ ގެއްލިފައެވެ.

މި ހާދިސާ ހިނގާފައި ވަނީ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި، ރާޅު އަރައި ދިޔަވަމުންދާތީ އެ އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން މަސައްކަތްކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، ދޯނި އަޑިއަށް ދިޔަ ވަގުތު އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު މިހާރު ވަނީ ސަލާމަތްކުރެވިފައެވެ.

ގެއްލުނު މީހުންގެ ވަނަވަރު އަދި ކަމާއި ބެހޭ އިދާރާތަކުން ހާމަކޮށްފައިނުވާއިރު ހާދިސާ އާއި ގުުޅޭ އިތުރު ތަފްސީލެއްވެސް ހާމަކޮށްފައެއް ނުވެއެވެ.