ފޭސްބުކް އެކައުންޓްތައް ހެކް ކޮށްގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުން ދާތީ އެ ކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސް ކޮށްފިއެވެ.
އެގޮތުން ހެކް ކޮށްފައިވާ ފޭސްބުކް އެކައުންޓް މެދުވެރިކޮށް 'ފްރެންޑްސް ލިސްޓް' ގައި ހުންނަ އެކި ފަރާތްތަކުން ފައިސާ ހޯދުމަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް، ފައިސާ ހޯދަމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެއެެވެ.
ބީއެމްއެލްއިން އެދެނީ އެ ގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއްކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެމީހަކަށް ގުޅާ އެކަން ޔަގީންކުރުމަށް ކަމަށް ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖާ މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށާއި ފައިސާ ފޮނުވިއްޖެނަމަ ވީ އެންމެ އަވަހަކަށް ބޭންކަށް އަންގައި، ފުލުހަށް މައްސަލަ ހުށަހެޅުމަށް ވެސް ބީއެމްއެލް ވަނީ އިލްތިމާސްކޮށްފައެވެ.
މީގެއިތުތުރުން ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވާ، ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓާނެޓް ބޭންކިން ޔޫސާނޭމާއި ފާސްވޯޑް އަދި އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއްވެސް ހުށަހަޅާފައިކަން ފާހަގަކޮށް ސައީދު ވިދާޅުވެފައިވަނީ ބީއެމްއެލް އިން ފޮނުވާ އެސްއެމްއެސްގައި އެއްވެސް ލިންކެއް ނުހިމެނޭނެ ކަމަށެވެ. އަދި އެ ގޮތަށް ލިބޭ އެސްއެމްއެސްގައި ހިމެނޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކުރާ ކަމަށާއި އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރުމަށް އެދޭ ކަމަށެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ބޭންކަށް ހުށަހަޅަމުންދާ ކަމަށެވެ.