އެމެރިކާގެ ރައްޔިތުންނަށް ވިއްކާ ތެލުގެ އަގު ވަގުތުން ދަށްކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތެޔޮ ކުންފުނިތަކަށް ގޮވާލައްވައިފިއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ ބައިނަލްއަގުވާމީ ތެޔޮ ކުންފުނި ޝެވްރޯންގެ ސީއީއޯ މައިކް ވޯތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި، ތެލުގެ ސިނާއަތަށް އެމެރިކާ ސަރުކާރުން ކޮށްދިން މަސައްކަތްތަކުގެ އަގު ޝެވްރޯންއިން ވަޒަންކޮށްފައެއް ނުވެއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މިކަމާ ގުޅިގެން އެމެރިކާގެ އާންމުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ސަބަބުން، ނޮވެންބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިހާބާ ގާތްވަމުން އަންނައިރު ޓްރަމްޕަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.

ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އޭނާގެ ސަރުކާރުގެ އެހީތެރިކަން ނެތް ނަމަ ތެލުގެ ސިނާއަތް އޮންނާނީ ހަލާކުވެފައި ކަމަށެވެ. އަދި ވެނެޒުއޭލާއިން ޝެވްރޯން ބޭރުކޮށްލުމުން، އަލުން އެ ގައުމަށް ވަދެވޭނެ މަގު ތަނަވަސްކޮށްދިނީ ވެސް އެމެރިކާ ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އާންމުންނަށް ވިއްކާ ތެލުގެ އަގު ވަގުތުން ދަށްކުރުމަށް އޭނާ ވަނީ އެ ކުންފުންޏަށާއި އެހެނިހެން ތެޔޮ ކުންފުނިތަކަށް ގޮވާލައްވާފައެވެ.

އީރާނާ އެކު އާ މަޝްވަރާތަކެއް ފަށަން ތައްޔާރުވަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޓްރަމްޕް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވުމާ އެކު، ހޯމަ ދުވަހު ތެލުގެ އަގު ވަނީ ފަސް އިންސައްތަ ދަށްވެފައެވެ. ބައިނަލްއަގުވާމީ ބާޒާރުގައި ބްރެންޓް ކްރޫޑް ފީފާއެއްގެ އަގު ހުރީ 82.91 ޑޮލަރުގައެވެ. މިއީ މިދިޔަ މަހު ތެލުގެ އަގު އެންމެ މައްޗަށް ދިޔަ 101 ޑޮލަރާ އަޅައި ބަލާއިރު 18 އިންސައްތަ ދަށް އަދަދެކެވެ.

އީރާނާ ދެކޮޅަށް ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދޭ އެންމެ ވަރުގަދަ ހަމަލާ ދިނުމަށް ނިންމުމަށް ފަހު، އެކަން ޓްރަމްޕް ހުއްޓާލެއްވީ ގަތަރާއި، ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އެދުމުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ގައުމުތަކުން އެދުނީ އެއްބަސްވުމެއްގެ އޮނިގަނޑު އެކުލަވާލެވިފައިވާތީ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނާ އެކު ވެވޭ އެއްބަސްވުމުގެ ދަށުން ހޮރުމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާލުމާއި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުން ހިމެނޭނެއެވެ. ނަމަވެސް، އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ހޯމަ ދުވަހު ވިދާޅުވީ، އީރާނުން މިހާރު މަޝްވަރާކުރަމުން ދަނީ ހަމައެކަނި ހޮރުމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާ އެކު ކަމަށެވެ. އަދި އެމެރިކާއާ އެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށާއި، އެފަދަ ބައްދަލުވުމެއް ރާވާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖުލައި މަހުގެ ތެރޭގައި ހަމަލާބަދަލުކުރުންތައް އިތުރުވެ، ހޮރުމުޒް ކަނޑުއޮޅިން ފެށިގެން ރަތް ކަނޑާ ހަމައަށް މުދާ އުފުލުމަށް ހުރަސްއެޅުމުގެ ސަބަބުން ތެލުގެ އަގު 20 އިންސައްތަ އުފުލިފައިވާއިރު، ހޯމަ ދުވަހު އަގުތަކަށް މި އައި ބަދަލަކީ އޭގެ ފަހުން އަގު ދަށްވި ފުރަތަމަ ފަހަރެވެ.