އަންނަ މަހުގެ 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް ތައްޔާރުވުމުގެ ގޮތުން ދާއިރާތަކުގައި ގޮފިތައް ހެދުމުގެ ހަރަކާތްތައް ކުރިއަށްދާއިރު، އެ ޕާޓީން ފުރަތަމަ ފަހަރަށް ގޮފި އުފެއްދުމާ ބެހޭ ހާއްސަ ގަވައިދެއް ފާސްކޮށް އާންމުކޮށްފިއެވެ.

"ގޮފި ގަވައިދު" ގެ ނަމުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ފާސްކޮށް މިއަދު އާންމުކުރި މި އުސޫލުގައިވާ ގޮތުން، ދާއިރާއެއްގައި ގޮތްޕެއް އުފެއްދުމަށް މަދުވެގެން 50 މެންބަރުން ބޭނުންވާނެއެވެ.

ނަމަވެސް މީގެ ތެރެއިން 30 ޕަސެންޓު މެންބަރުންނަކީ އެ ދާއިރާއިން ބޭރު މީހުންނަށް ވުމުގެ ފުރުސަތު އޮތްއިރު، ބާކީ 70 ޕަސެންޓު މެންބަރުންނަކީ އެ ދާއިރާއެއްގެ ރަޖިސްޓަރީގައި ހިމެނޭ މީހުންނަށް ވާންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އާ ގަވައިދުގެ ދަށުން ގެނެވުނު ބަދަލުތަކުގެ ތެރޭގައި އިންތިހާބުތަކުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމާއި ތާއީދު ހޯދުން ފަދަ ވަގުތީ ކަންކަމަށް ހާއްސަކޮށްގެން ގޮފި ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.

މީގެއިތުރުން ޕާޓީގެ އަސާސްތަކާއި އާންމު އުސޫލުތަކާ ހިލާފުނުވާ ގޮތުގެ މަތިން ވަކި ފިކުރެއް ނުވަތަ ހާއްސަ ސިޔާސަތެއް ކުރިއަރުވަން "ފިކުރީ ގޮފި" އުފެއްދޭނެކަމަށާއި، މިފަދަ ގޮތްޕެއް އުފެއްދެނީ މަދުވެގެން 100 މެންބަރުން ހަމަކޮށްގެންކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ގަވާއިދުގެ ދަށުން އެމްޑީޕީގެ ކޮންމެ މެންބަރަކަށް ވެސް ވަކި ނަމެއް ހުށަހަޅައިގެން ގޮތްޕެއް ހެދުމަށް އެދެވިދާނެކަމަށާއި، ހުށަހެޅުން ލިބުމުން ބޭނުންވާ މެންބަރުންގެ އަދަދު ހަމަކުރުމަށް ޕާޓީގެ ސެކްރެޓޭރިއަޓުން 30 ދުވަހުގެ މުއްދަތެއް ދޭނެކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ގޮފި ރަޖިސްޓަރީ ކުރުމަށްފަހު ވެސް، މެންބަރުންގެ އަދަދު ގަވާއިދަށްވުރެ މަދުވެ އެގޮތުގައި 30 ދުވަސް ވެއްޖެނަމަ އެ ގޮތްޕެއް އުވޭނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ ކުރިން އެމްޑީޕީގައި ގޮފިތައް އުފެއްދުމަށް ވަކި ގަވާއިދެއް ހެދިފައެއް ނުވެއެވެ.