މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
މިގޮތަށް ނިންމެވީ މިރޭ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވުމަށް ވޯޓަށް އެއްސެވުމުންނެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ ތެރެއިން 52 މެންބަރުންގެ ބޮޑު އަގުލަބިއްޔަތަކުން ވަނީ 19 ސެޕްޓެމްބަރުގައި ކޮންގްރެސް ބޭއްވުމަށް ފާސްކޮށްފައެވެ.
މިރޭގެ ބަހުސްގެ ތެރޭގައި، މިހާރު އޮތް ގައުމީ މަޖިލީހުގެ ދައުރު ސެޕްޓެމްބަރު 25 އަށް ހަމަވާތީ އާ ގައުމީ މަޖިލީހުގެ އިންތިހާބަށްފަހު ކޮންގްރެސް ބޭއްވުމަށް ބައެއް މެންބަރުން އެދިވަޑައިގަތެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ކޮންގްރެސް އެއަށްވުރެ ކުރިން ބާއްވަންޖެހެނީ އަސާސީ ގަވާއިދަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރޭގައި ގައުމީ މަޖިލީސް އެކުލެވިގެންވާ ގޮތް ބަދަލުކުރުން ހިމެނޭތީ ކަމަށް ވިދާޅުވެފައެވެ.
ވިއްސަކަށް މިނެޓުގެ ބަހުސަކަށްފަހު ވޯޓަށް އެއްސެވުމުން ފާސްވި މި ނިންމެވުމާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ، ކޮންގްރެސް ނިމުމަށްފަހު ވެސް ގައުމީ މަޖިލީހުގެ ދައުރު ހަމަވުމުގެ ކުރިން އިންތިހާބު ބޭއްވޭނެ ކަމަށެވެ.
