ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ބިނާކޮށް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި، ހައުސިންޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގައި ބޮޑު ސަރަހައްދެއް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މޯޕާ އަދި އެޗްޑީސީގެ އިސްވެރިންނާ، މުވައްޒަފުން ހިމެނޭހެން 150 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ހަރަކާތުގައި ވަނީ ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދު އޮތް ސަރަހައްދު ސާފުކޮށް، ފޮގުކުރުމުގެ މަސައްކަތް ކުރިއަށް ދިޔައެވެ. އެޗްޑީސީން ބުނީ މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުގެ ތެރެއިން މި ސަރަހައްދުން މަދިރި އާލާވާ ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ތަންތަން ނައްތާލެވިފައިވާ ކަމަށެވެ.

އެޗްޑީސީން ބުނީ، މަދިރި މަދުކުރުމަށާއި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ރޭވިފައިވާ ކަމަށެވެ.

މީގެއިތުރުން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދުން ފޮގުކުރުމުގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާއިރު، މަދިރި އާލާވާ ފަދަ ތަންތަން ނައްތާލުމަށްޓަކައި ބަސް ހުއްޓިތަކުގެ ފުރާޅުތައް ސާފުކުރުން ފަދަ ތިމާވެއްޓާ ރައްޓެހި ފިޔަވަޅުތައްވެސް ވަނީ އަޅާފައެވެ.