ބިދޭސީއެއްގެ އަތުން ފޭރުނި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ފޭސް 1 އެފްޑަބްލިޔު ރެސިޑެންސް ކައިރިން ބައިސްކަލެއްގައި ދިޔަ ބިދޭސީއެއްގެ އަތުން، 10،000 ރުފިޔާ އޮތް ވޮލެޓެއް، ސައިކަލެއްގައި ދިޔަ ދެ މީހަކު ފޭރުނު މައްސަލަ ހުށަހެޅީ ޖުލައި 26 ވަނަ ދުވަހުގެ ރޭ 11:25 އެހައިކަންހާއިރު އެވެ.

މި މައްސަލަ ހުށަހެޅުމާއެކު، ފޭރުނު މީހުން ހޯދުމުގެ މަސައްކަތް ހުޅުމާލެ ރެސްޕޮންސް އެންޑް ޕެޓްރޯލްއާއި، އިންވެސްޓިގޭޝަން ގުޅިގެން ކުރި މަސައްކަތުން ވޮލެޓާއި ފައިސާ ވަނީ ހޯދާފައެވެ. އެގޮތުން ސީސީޓީވީ ފުޓޭޖް ބަލައި އެ މީހުން ހޯދުމަށް ކުރި މަސައްކަތުން ޖުލައި 26 ވަނަ ދުވަހުގެ ރޭ 12:30 އެހައިކަންހާއިރު، އެ މީހުން ދުއްވި ސައިކަލު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެނެސްފައެވެ.

އަދި އެ މައްސަލައިގެ ތުހުމަތުގައި އަތަމާގެ / ގދ. ވާދޫ، އިޖާޒު ނަސީރު (40އ) ހައްޔަރުކޮށްފައިވާއިރު މި މައްސަލާގައި ތުހުމަތުކުރެވޭ ދެ ވަނަ މީހާ ތަހުގީގުގެ ތެރެއިން ހޯދައި، ޖުލައި 29 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި ނަމަވެސް އޭނާ މިހާރުވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އީޖާޒުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.