ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަޙްމާން މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި މަހުގެ 25 އިން 27 ގެ ނިޔަލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޑރ. ހަލީލުއްރަޙްމާން ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.

މި ދަތުރުފުޅުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރާއްޖޭގެ ފޮރިން މިނިސްޓަރާއެކު ބާއްވާ ރަސްމީ ބައްދަލުވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ސަރަހައްދީ އަދި ބައިނަލްއަގްވާމީ މައްސަލަތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކުގެ މައްޗަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޑރ. ހަލީލުއްރަޙްމާން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.