ރާއްޖޭގެ ރަށްތަކަށް ދެމެހެއްޓެނިވި ހަކަތަ ފޯރުކޮށްދިނުމަށް ހިންގާ "ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނާޖީ ޑިވެލޮޕްމަންޓް" (ޕޮއިސްޑް) މަޝްރޫއުގެ ދަށުން، ރ. އަތޮޅާއި ބ. އަތޮޅުގައި ފެނަކަ ކޯޕަރޭޝަނުން ސޯލާ ޕީވީ އަދި ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކޮށްފިއެވެ.

މި ކަމާ ގުޅިގެން ފެނަކައިން ބުނީ މިއީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ތިމާވެށި ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު އަދި އީޖާބީ ފިޔަވަޅެއްކަމަށެވެ.

ފެނަކައިން ބުނީ މި ސޯލާ ސިސްޓަމާއެކު އަހަރަކު 3.13 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެކަމަށާއި، އަދި ޖައްވަށް ދޫކުރާ ކާބަންގެ މިންވަރުން 8,400 ޓަނު މަދުކުރެވި، ތިމާވެށި ރައްކާތެރިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

ފެނަކައިން ބުނީ ސޯލާ ޕީވީ އަދި ބެޓެރީ ހަކަތައިގެ ނިޒާމަށް ބަދަލުކުރުމުގެ ސަބަބުން ޖުމުލަ 15 ރަށެއްގެ ޑީސަލް ޕަވާ ހައުސްތައް ދުވާލަކު 6 ގަޑިއިރާ 10 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިއްވާލުމުގެ ގާބިލުކަން ލިބިގެންދާނެކަމަށެވެ.

ޕޮއިސްޑް މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ޑީސަލް އިންޖީނަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތަ (ސޯލާ-ޑީސަލް ހައިބްރިޑް ސިސްޓަމް) ތައާރަފުކުރުމަށް ހިންގާ ބޮޑު މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ފެނަކައިން ދަނީ ގިނަ ރަށްތަކެއްގައި ސޯލާ ޕެނަލްތަކާއި ބެޓަރީ ސިސްޓަމްތައް ހަރުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުކުރަމުންނެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި އުފައްދާ ކަރަންޓުގެ ބޮޑު އިންސައްތައެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމެވެ.