އިންޑިއާގެ ތައުލީމީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި، ވެރިރަށް ދިއްލީގައި ބަނޑުހައިހޫނުކަމުގެ ވަރުގަދަ ހަޅުތާލެއް ކުރަމުންދިޔަ މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް، ފުލުހުން ބާރުގެ ބޭނުންކޮށްގެން ގަދަކަމުން ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސޮނަމް ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުއްޓާ ހަށިގަނޑުން ފެން މަދުވުމުގެ (ޑީހައިޑްރޭޝަން) އަލާމާތްތައް ފެނިގެން ދިއްލީގެ ސަފްދަރްޖަންގް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ނަމަވެސް، ޑޮކްޓަރުންގެ އިރުޝާދާ ހިލާފަށް އޭނާ އާއި އޭނާގެ އާއިލާއިން ދަނީ މެޑިކަލް ފަރުވާ ހޯދުމަށް އިންކާރު ކުރަމުންނެވެ.

ޑޮކްޓަރުން ހާމަކުރި ގޮތުގައި ވަންގްޗުކްގެ ހަށިގަނޑުގެ މުހިންމު ބައިތައް އަދި ހަމައަކަށް އެޅިފައި ހުރި ނަމަވެސް، ގިނަ ދުވަސްތަކެއް ވަންދެން ނުކައި ހުރުމުގެ ސަބަބުން ލޭގެ ބައެއް މާއްދާތަކަށް ވަނީ ބަދަލު އައިސްފައެވެ. އަދި ކުއްލި ގޮތަކަށް އައިވީ ފްލުއިޑްސް އާއި އިލެކްޓްރޯލައިޓްސް ނުދީފިނަމަ، ސިއްހީ ގޮތުން ނުރައްކާތެރި ކޮމްޕްލިކޭޝަންތަކެއް ކުރިމަތިވެދާނެ ކަމަށް ޑޮކްޓަރުން ވަނީ އިންޒާރު ދީފައެވެ. އެހެންނަމަވެސް، އޭނާ ވަނީ އެއްވެސް ބޭހެއް ނުވަތަ އައިވީއެއް ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.

އޭނާގެ ހާލަތު ބެލުމަށް ސަފްދަރްޖަންގް ހޮސްޕިޓަލުގެ ޓީމުގެ އިތުރުން އެއިމްސް ގެ މިނިވަން މެޑިކަލް މާހިރަކު ވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ދެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވެސް ވިދާޅުވަނީ އޭނާއަށް ވަގުތުން ފަރުވާ ބޭނުންވާ ކަމަށެވެ.

ސޮނަމް ވަންގްޗުކް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފަށާފައިވަނީ ޖޫން 28 ގައެވެ. މިއީ ނީޓް އިމްތިހާނުގެ މައްސަލަތަކާއި، އެކަމާ ގުޅިގެން ކުދިން މަރުވި މައްސަލައިގައި ޔޫނިއަން އެޑިއުކޭޝަން މިނިސްޓަރު ދަރްމެންދްރަ ޕްރަދާން އިސްތިއުފާ ދިނުމަށް ގޮވާލާ ކުރަމުންދާ މުޒާހަރާއެކެވެ. ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލަށް 21 ދުވަސް ވީފަހުންނެވެ.