އުމުރުން 100 އަހަރު ފުރުން ފާހަގަކުރުމަކީ ގިނަ މީހުން އާއިލާއާއެކު ގޭގައި، ކުރާ ކަމަކަށް ވިޔަސް، ކެލިފޯނިއާގެ ރޯޒްވިލްގައި ދިރިއުޅޭ ރޫބީ މެކްނެލީ އޭނާގެ އުފަންދުވަސް ފާހަގަކުރީ މުޅިން ތަފާތު ގޮތަކަށެވެ. އޭނާގެ 100 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން އޭނާ ވަނީ ސްކައިޑައިވްކޮށްފައެވެ. މިއީ ދުނިޔޭގައި ގަރުނެއް ހޭދަކޮށްފައިވާ މީހަކު ކުރުން ވަރަށް ނާދިރު، އަދި އެހާމެ ހިތްވަރުގަދަ ކަމެކެވެ. މިއީ އޭނާގެ އުމުރުން 80 އަދި 90 އަހަރުގައި ކުރި ސްކައިޑައިވްތަކަށްފަހު، އޭނާ ކުރި 3 ވަނަ ޓެންޑަމް ސްކައިޑައިވްއެވެ.
ރޫބީގެ މި އާދަޔާ ހިލާފު ހަރަކާތަކީ އޭނާގެ ހަށިގަނޑުގައި ހުރި ވަރުގަދަކަން ދައްކައިދޭ ކަމެކެވެ. ރޫބީގެ ހަޔާތަކީ ހަމައެކަނި ސްކައިޑައިވްކުރުމުން ނިމޭ ކަމެއް ނޫނެވެ. އޭނާގެ އުމުރުން 100 އަހަރު ފުރިފައިވީ ނަމަވެސް، އޭނާ އަދިވެސް ދިރިއުޅެމުން ދަނީ މުޅިން އެކަންޏެވެ. އެހެން މީހުންގެ އެހީތެރިކަމާ ނުލައި އަމިއްލަ ކަންކަން ކުރުމުގައި އޭނާ ދެމިހުރިއިރު، އަމިއްލައަށް ކާރު ދުއްވައިގެން ތަންތަނަށް ދިއުމަކީވެސް އޭނާގެ އާންމު ދިރިއުޅުމުގެ ބައެކެވެ.
މިއީ އުމުރުން ދުވަސްވީ ގިނަ ބަޔަކަށް ކުރަން އުނދަގޫ ކަމަކަށް ވިޔަސް، ރޫބީ ދަނީ އޭނާގެ މިނިވަންކަން ފުރިހަމައަށް ދަމަހައްޓަމުންނެވެ. އޭނާގެ އަމިއްލަ ކާރުގައި ދަތުރުކުރުމާ، ގޭތެރޭގެ ކަންކަން އަމިއްލައަށް ބެލެހެއްޓުމަކީ އޭނާގެ ހަރަކާތްތެރިކަން އަންގައިދޭ ކަމެކެވެ.
އޭނާގެ މި ހީވާގިކަމާއި ދުޅަހެޔޮކަމުގެ ފަހަތުގައިވަނީ ހާއްސަ ދިރިއުޅުމުގެ އާދަތަކެކެވެ. އުމުރުން ދުވަސްވިޔަސް ހަރަކާތްތެރިވެ އުޅުމާއި، އަމިއްލަ ނަފްސަށް އިތުބާރުކުރުމަކީ އޭނާގެ ދިރިއުޅުމުގެ މުހިންމު ސިއްރެކެވެ. ރޫބީ ބޮޑުވީ ވަމޮންޓްގެ ރަށްފުށު ސަރަހައްދެއްގައި ކަމުން އޭނާގެ ކެއުމުގެ އެންމެ މައިގަނޑު ބާވަތަކީ އާއިލާއިން އަމިއްލައަށް ހައްދަމުން ދިޔަ ތާޒާ މޭވާ އާއި ތަރުކާރީއެވެ. އޭނާ ވަނީ މުޅި އުމުރުގައިވެސް ކެއުމުގެ މިއާދަ ހިފަހައްޓާފައެވެ.
މިއަދު އޭނާ ގަންނަނީ ގިނައިން އޯގޭނިކް މޭވާ އާއި ތަރުކާރީގެ އިތުރުން މަހުގެ ބާވަތްތަކެވެ. އޭނާ ދުވަސް ފަށަނީ ބިސް ނުވަތަ ހޯލް ގްރޭންސް އިންނެވެ. އަދި ޗެރީ ޓޮމާޓޯ ފަދަ ރޯ މޭވާ އާއި ތަރުކާރީ ސުނެކްގެ ގޮތުގައި ކައި އުޅޭއިރު، ފޮނި ތަކެއްޗާ ދުރުހެލިވެއެވެ. ނަމަވެސް ކޮންމެ ހެނދުނަކު ދެ ތަށި ކޮފީ ބޯލުމުގެ ހުއްދަ އަމިއްލައަށް ދޭކަމަށް ރޫބީ ވަނީ ބުނެފައެވެ.
ރޫބީ ބުނީ އޭނާގެ ކުޑައިރު ދުވަސްތައް ހޭދަކުރީ ގަސްގަހަށް އަރައި، ފަތައި، ހައިކިންގްއަށް ގޮސް އަދި ބާސްކެޓްބޯޅަ ކުޅުގައި ކަމަށެވެ. އޭގެފަހުން ހަތް ކުދިން ބަލައިބޮޑުކުރުމުގެ ސަބަބުން ގަވާއިދުން ކަސްރަތުކުރާނެ ވަގުތެއް ނުލިބުނު ނަމަވެސް، އުމުރުން ދުވަސްވަމުން އައިވަރަކަށް ހިނގުމަކީ އޭނާ މެދުކެނޑުމެއްނެތި ކުރަމުން އައި ކަސްރަތަކަށް ހެދިކަމަށް ރޫބީ ވަނީ ބުނެފައެވެ.
ކަކުލުގައި ރިއްސާތީ މިހާރު ހިނގާ ސްޕީޑް ކުޑަކޮށް ލަސްވި ނަމަވެސް، އޭނާ އަސާގަނޑެއް ނުވަތަ ވޯކާއެއް ބޭނުމެއް ނުކުރެއެވެ. މިކަމުގެ ސަބަބުން، އުމުރުން 100 އަހަރުން މައްޗަށް ދިޔައިރުވެސް، އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް އުޅުމުގެ ގާބިލުކަން އޭނާއަށް ވަނީ ލިބިފައެވެ.
ކުޑައިރުއްސުރެ ނަރުހަކަށްވުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައި، އޭނާ ވަނީ ސިއްހީ ދާއިރާގައި އެތައް ދުވަހެއް ހޭދަކޮށްފައެވެ. އަދި ފަހުން، އުމުރުން 60 އިން މައްޗަށް ގޮސް ރިޓަޔާކުރުމާ ހަމައަށް އޭނާ މަސައްކަތްކުރީ ލޭބާ ރޫމްގައެވެ. އޭނާއަކީ އުންމީދީ ވިސްނުމެއް ގެންގުޅޭ މީހެއްގެ ގޮތުގައި އަމިއްލައަށް ސިފަކުރާއިރު، އުމުރު ދިގުވުމުގެ ސިއްރަކީވެސް މި ސިފަކަމަށް އޭނާ ގަބޫލުކުރެއެވެ. އޭނާ ބުނި ގޮތުގައި، "އަބަދުވެސް އަހަރެން ބަލަނީ ކަންކަމުގެ ރަނގަޅު ފަރާތަށެވެ."
ރޫބީގެ މި ދިރިއުޅުމަކީ، އުމުރުން ދުވަސްވުމަކީ ގޭގައި ތިބެންޖެހޭ ސަބަބެއް ނޫންކަން ސާބިތުކޮށްދޭ ކަމެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެންމެ މުހިންމު ކަމަކީ އުމުރުގެ އެކި މަރުހަލާތަކުގައި ހަށިގަނޑަށް ބޭނުންވާ ކަންކަމަށް ސަމާލުކަން ދިނުމެވެ. އޭނާގެ 100 ވަނަ އުފަންދުވަހުގެ ސްކައިޑައިވްއަކީ، އެކަނި ދިރިއުޅެމުގެ އާދަކާދައާއި ފައްސި ވިސްނުމުގެ އިތުރުން ރޫބީގެ ހަރަކާތްތެރި ދިރިއުޅުމުގެ ނަތީޖާއެވެ.
