މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖުކުރުމުގެ އުސޫލަށް ބޮޑެތި އަދި މުހިންމު އިސްލާހުތަކެއް ގެނައުމަށް ނިންމައި، އެ ބަދަލުތަކަށް އަމަލުކުރަން ފަށާނެ ތާރީހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާންކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޕީއެލް އިން ބުނީ މި ބަދަލުތަކަކީ ނޯތު ހާބަރުގެ ހިދުމަތް ހޯދާ އޮޑިވެރިންގެ ހިޔާލާއި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދީ، އުޅަނދުފަހަރަށް އަވަސް ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށްދިނުމަށް ގެނައި ބަދަލުތަކެއް ކަމަށެވެ.

އެގޮތުން ކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން "އޭ" ޒޯން އަދި "ސީ" ޒޯންގެ ކިއުއަށް ނޯޓުކޮށްފައިވާ އުޅަނދުފަހަރު، ކިއުއިން ކެންސަލް ނުވާގޮތަށް ފަސް ދުވަހުގެ މުއްދަތަށް "ހޯލްޑް" ކުރުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އަލަށް ގެނައި އިސްލާހާއެކު މި ފުރުސަތު މުޅިން އުވާލެވޭނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މީގެއިތުރުން، އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު އުވައިލެވޭނެއެވެ. މިގޮތުން، އުޅަނދެއް "އޭ" ޒޯން، އެކްސްޕްރެސް ޒޯން ނުވަތަ "ސީ" ޒޯން ކިއުގައި ނޯޓުކުރަން އެދޭނަމަ، ނޯޓު ކުރެވޭނީ އެ އުޅަނދަކުން އިހުތިޔާރުކުރާ ކޮންމެވެސް އެއް ކިއުއެއްގައެވެ. އެއް ދަތުރެއްގެ ތެރޭގައި އެއްފަހަރާ ގިނަ ކިއުތަކެއްގައި ނޯޓުކުރުމުގެ ފުރުސަތެއް މީގެ ފަހުން ނޯންނާނެކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އިސްލާހުތަކަށް ރަސްމީކޮށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 20 ޖުލައި 2026 ވާ ހޯމަ ދުވަހުގެ ރޭ 23:59 އިން ފެށިގެންކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.