ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާލުމަށްފަހު، ޗުއްޓީ ފެށިއްޖެއެވެ.
މި އަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަށް ދައްކާ ގޮތުން ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް، އެކި ސްކޫލުތަކުގައި 80،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދެއެވެ.
ފުރަތަމަ ޓާމްގެ ކިޔެވުން ނިންމުމަށްފަހު ދަރިވަރުން ޗުއްޓީއަށް މިއަދު ގޮސްފައިވާއިރު އެކަޑެމިކް ކަލަންޑަރާ އެއްގޮތަށް ސްކޫލްތަކުގެ ކިޔެވުން އަލުން ފެށޭނީ އަންނަ އޮގަސްޓު މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންކަމުން 16 ދުވަހުގެ ދިގު ޗުއްޓީއެއް ދަރިވަރުންނަށް ލިބިގެންދާއެވެ.
މި ޗުއްޓީގައި ދަރިވަރުންނަށް އެކި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުގެ އިތުރުން ކުރިއަށް އޮތް ޓާމަށް ތައްޔާރުވުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
މި އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. އެއަށްފަހު ދަރިވަރުންނަށް އެ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ 12 އާ ހަމައަށް ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ. ސަރުކާރުން އެކަޑެމިކް ކަލަންޑަރަށް ގެނައި ބަދަލާ ގުޅިގެން، މި އަހަރުން ފެށިގެން ދިރާސީ އަހަރު ފެށިފައި ވަނީ ޖެނުއަރީ މަހުއެވެ.
މި އަހަރު 1،693 ބިދޭސީ މުދައްރިސުން އަދި 6،673 ދިވެހި މުދައްރިސުން ކިޔަވައިދިނުމުގައި ހަރަކާތްތެރިވަމުންދެއެވެ. އަދި 200 އަށްވުރެ ގިނަ ސްކޫލްތަކުގައި ކިޔަވާ ދެމުންދެއެވެ.
