އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތް "އުރީދޫ މަސްރޭސް 2026" މިއަހަރުވެސް ބޭއްވުމަށް އިއުލާނުކޮށް، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކު ބާއްވާ މި މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ކ. މާފުށީގައެވެ. މި ހަރަކާތް ކުރިއަށްދާނީ 7 އޮގަސްޓް 2026 ގައެވެ

އުރީދޫ އިން ބުނީ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ 21 ޖުލައި 2026، ރޭގަނޑު 23:59 ކަަމަށާއި، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން 12 މީހުންގެ ޓީމެއް އެކުލަވާލުމަށްފަހު އޮންލައިންކޮށް ރެޖިސްޓްރީ ކުރެވޭނެކަމަށް އުރީދޫއިން ހާމަކޮށްފައިވެއެވެ.

މި އަހަރުގެ މަސްރޭހުގެ އިނާމުތަކަށް ބަލާއިރު؛

  • ޗެމްޕިއަން ޓީމަށް: 25،000 ރުފިޔާ
  • ދެވަނަ ޓީމަށް: 10،000 ރުފިޔާ
  • ތިންވަނަ ޓީމަށް: 5،000 ރުފިޔާ
  • އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި އެންމެ ބަރު މަސް ބާނާ ފަރާތަށް: 1،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.

އުރީދޫ މޯލްޑިވްސް އިން މަޢުލޫމާތު ދޭ ގޮތުގައި މި މުބާރާތުގައި ގިނަވެގެން ބައިވެރިވެވޭނީ 20 ޓީމަށެވެ. 20 ޓީމަށްވުރެ ގިނައިން ރަޖިސްޓްރީވާނަމަ ފުރުސަތު ދެވޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށެވެ.

އުރީދޫ މަސްރޭހަކީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ، މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫޙު އާލާކޮށްދޭ ހަރަކާތެކެވެ. މިއަހަރުގެ މުބާރާތުގައިވެސް ސަރުކާރުގެ މުއައްސަސާތަކާއި، ކޯޕަރޭޓްތަކުގެ އިތުރުން އާންމު ރައްޔިތުން ބައިވެރިވުމަށް އުރީދޫން މަރުޙަބާ ކިޔައެވެ.