ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު ދެ ބާރު ބައްދަލުކުރާ ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ އެއް މެޗުގެ ޓިކެޓުގެ އަގު، އަނެއް މެޗަށް ވުރެ ދެގުނަ ބޮޑުވެއްޖެއެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ފްރާންސާއި ތިންވަނައިގައި އޮތް ސްޕެއިން ބައްދަލުކުރާ ސެމީ ފައިނަލް މެޗު އޮންނާނީ މިރޭ ޑަލަސްގައެވެ. ޓިކެޓްޑޭޓާ ޑޮޓް ކޮމް އިން ދައްކާ ގޮތުގައި މިއަދުގެ ނިޔަލަށް މި މެޗުގެ ޓިކެޓެއްގެ އަގު އުޅެނީ 1،325 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި 26 އިންސައްތަ ދަށް އަދަދެކެވެ.

އެހެންނަމަވެސް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރާ މެޗުގެ ޓިކެޓުގެ އަގު އުޅެނީ 2،841 ޑޮލަރުގައެވެ. މިއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި 34 އިންސައްތައިގެ ކުރިއެރުމެކެވެ. ބުދަ ދުވަހު އެޓްލާންޓާގައި ކުޅޭ މި މެޗަށް އާޖެންޓީނާގެ ގިނަ ސަޕޯޓަރުންތަކެއް ވަންނާނެ ކަމަށް ބެލެވެއެވެ. އެޓްލާންޓާ ޔުނައިޓެޑް އެފްސީގެ ކޯޗަކަށް އާޖެންޓީނާގެ ކުރީގެ ކޯޗު ޖެރާޑޯ ޓާޓާ މާޓީނޯ ހުރުމަކީ ވެސް އެ ސަރަހައްދުގައި އާޖެންޓީނާގެ ސަޕޯޓަރުން ގިނަ ސަބަބެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހޮނިހިރު ދުވަހު މިއާމީގައި ކުޅޭ ތިންވަނަ ހޮވާ މެޗުގެ ޓިކެޓުގެ އަގު އުޅެނީ 1،543 ޑޮލަރުގައެވެ. އާދީއްތަ ދުވަހު ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގެ ޓިކެޓުގެ އަގު މިހާރު އުޅެނީ 6،760 ޑޮލަރުގައެވެ. މިއީ ފާއިތުވި 72 ގަޑިއިރުގެ ތެރޭގައި 6 އިންސައްތަ ދަށް އަދަދެއް ނަމަވެސް، މިދިޔަ އޮކްޓޫބަރު މަހު ފައިނަލް މެޗުގެ ޓިކެޓެއްގެ އަގު 13،650 ޑޮލަރަށް ވެސް އެރިއެވެ. ފީފާގެ ރަސްމީ ވެބްސައިޓުން ހުކުރު ދުވަހު ފައިނަލް މެޗުގެ ކެޓަގަރީ ދޭއްގެ 1،200 އެއްހާ ޓިކެޓު 7،380 ޑޮލަރަށް ވިއްކަން ހުއްޓެވެ.

ވޯލްޑް ކަޕްގެ ޓިކެޓުތަކުގެ އަގު ބޮޑުވުމާ ގުޅިގެން ފީފާއަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އަދި ސަޕޯޓަރުންގެ ގްރޫޕަކުން ވަނީ މި މައްސަލައިގައި ދައުވާ ވެސް ކޮށްފައެވެ. މިދިޔަ އޭޕްރީލް މަހު ފީފާގެ ރީސޭލް މާކެޓުގައި ދެ މިލިއަން ޑޮލަރަށް ވެސް ޓިކެޓު ވިއްކަން ހުއްޓެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޓިކެޓުގެ އަގުތައް ދިފާއުކޮށް ވާހަކަ ދައްކާފައެވެ. އޭނާ ބުނާ ގޮތުގައި އެމެރިކާގެ ގާނޫނުތައް އޮންނަ ގޮތުން އަސްލު އަގަށް ވުރެ އެތައް ހާސް ޑޮލަރެއް ބޮޑުކޮށް ޓިކެޓު ވިއްކުމުގެ ފުރުސަތު އޮވެއެވެ.