ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ ހާއްސަ އިންތިހާބު، އަންނަ މަހުގެ 8 ވަނަ ދުވަހު ބޭއްވުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.

މި އިންތިހާބަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، އެލްޖީއޭގެ ބޯޑު އެކުލަވައިލުމަށްޓަކައި ބާއްވަންޖެހޭ އިންތިހާބެކެވެ. މި އިންތިހާބުގައި ވޯޓުލުމާއި ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަށެވެ.

އެލްޖީއޭ އިން މައުލޫމާތު ދޭ ގޮތުގައި، މި އިންތިހާބު ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ލާމަރުކަޒީ ނިޒާމު ކުރިއެރުވުމުގައި ކައުންސިލްތަކުގެ ފުރިހަމަ ހިއްސާ ބޯޑުގައި ތަމްސީލުކުރުމެވެ.

މި އިންތިހާބާ ގުޅޭ އިތުރު ތަފްސީލާއި، ކުރިމަތިލުމުގެ މުއްދަތުތައް ކުރިއަށް އޮތް ތަނުގައި އެލްޖީއޭ އިން އިއުލާން ކުރާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ލާމަރުކަޒީ ނިޒާމު އިތުރަށް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.