މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އިންގްލޭންޑް ޖާގަ ހޯދައިފިއެވެ. އިންގްލޭންޑް ސެމީއިން ޖާގައެއް ކަށަވަރު ކުރީ ކުއާޓާ ފައިނަލްގައި ނޯވޭއާ ވާދަކޮށް 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ނޯވޭއިންނެވެ. އަދި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ވެސް ނެގީ އެޓީމުންނެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ޕޯޗުގަލްގެ ބެންފީކާއަށް ކުޅޭ އެންޑްރިއަސް ޝޯލްޑާރަޕްއެވެ.
އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނުނިމެނީސް އިންގްލޭންޑުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ރިއާލް މެޑްރިޑްގެ ޑިފެންޑަރު ޖޫޑް ބެލިންގްހަމްއެވެ.
ދެ ޓީމު އެއްވަރުވެގެން އޮވެ ފުރަތަމަ ހާފް ނިންމާލި އިރު ދެވަނަ ހާފް ފެށިތަނާ ހެން ނޯވޭ އިން ލަނޑެއް ޖަހާ ލީޑު ނެގިއެވެ. އެހެން ނަމަވެސް އެލަނޑުގެ ކުރިން އެޓީމުގެ ކުޅުންތެރިއަކު އިންގްލޭންޑްގެ ކުޅުންތެރިއަކަށް ފައުލްކޮށްފައިވާ ކަމަށް ބުނެ މެޗުގެ ވީއޭއާރްއިން އެލަނޑު ކެންސަލް ކުރިއެވެ.
މެޗުގެ ނުވަ ދިހަ މިނެޓް ހަމަވީ އިރު 1-1 ގައި އޮތުމުން އިތުރު ވަގުތުގެ 30 މިނެޓް ކުޅެން ޖެހުނެވެ. އަދި އިތުރު ވަގުތުގެ ދެވަނަ މިނެޓްގައި އިންގްލޭންޑުން ލަނޑެއް ޖަހާ މެޗުގެ ލީޑު ނެގިއެވެ. މިލަނޑު ވެސް އެޓީމަށް ޖަހާ ދިނީ ބެލިންގްހަމްއެވެ. މުބާރާތުގެ ގަދަ 16 ގައި މެކްސިކޯއާ އިންގްލޭންޑް ކުޅުން މެޗުގައި ވެސް ބެލިންގްހަމް ވަނީ ދެ ލަނޑު ޖަހާފައެވެ.
އިތުރު ވަގުތުގައި ނޯވޭއަށް ދެން ލަނޑެއް ނުޖެހުނު އިރު މިމެޗު ނިމުނީ 2-1 އިން އިންގްލޭންޑް މޮޅުވެގެން ސެމީގެ ޖާގައެއް ކަށަވަރުކޮށްގެންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީއަށް ވެސް އިންގްލޭންޑް ދަތުރުކުރިއެވެ. އެފަހަރު ފްރާންސްއާ ކުޅެން ޖެހުނު އިރު 2-1 އިން އިންގްލޭންޑް ވީ ބައްޔެވެ. މިފަހަރު ސެމީގައި ކުޅެން ޖެހޭނީ އާޖެންޓީނާއާ ސުވިޓްޒަލޭންޑް ކުޅެ މޮޅުވާ ޓީމަކާއެވެ.
