ރަޝިއާއިން ދެމުންގެންދާ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރެއިނުން އެންމެ ބޮޑަށް ބޭނުންވާ އެމެރިކާގެ ޕެޓްރިއަޓް މިސައިލް އިންޓަސެޕްޓަރުތައް އަމިއްލަ ގައުމުގައި އުފެއްދުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔޫކްރެއިނަށް ދެއްވައިފިއެވެ.

ރަޝިއާގެ މެދުކެނޑުމެއްނެތް ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގައި މިހާރު ހުރި އެމެރިކާގެ ޕްޓްރިއަޓް މިސައިލްތަކުގެ ސްޓޮކް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ތުރުކީގައި ބުދަ ދުވަހު ބޭއްވި ނޭޓޯ ސަމިޓުގެ ތެރެއިން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީއާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ ޕެޓްރިއަޓް މިސައިލް އުފެއްދުމުގެ ހުއްދަ ޔޫކްރެއިނަށް ދޭއިރު އެކަން ކުރާނެ ގޮތް އެމެރިކާއިން ދަސްކޮށްދޭނެ ކަމަށާއި، މިއީ ވަރަށް އުނދަގޫ މަސައްކަތެއް ނަމަވެސް ޔޫކްރެއިނުން އެކަން އަވަހަށް ދަސްކުރާނެ ކަމަށެވެ. މީގެ އިތުރުން، އެމެރިކާއިން އެކަށީގެންވާ ވަރަށް ހަތިޔާރު ނުދޭ ކަމަށް ބުނެ ދެން ޔޫކްރެއިނަށް ޝަކުވާ ނުކުރެވޭނެ ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.

މިސައިލް އުފައްދަން ފަށާނެ ވަކި ތާރީހެއް ޓްރަމްޕް ހާމަކުރައްވާފައި ނުވާއިރު، އެމެރިކާގެ އަމިއްލަ ސްޓޮކް އެ ގައުމުގައި ބަހައްޓާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ޔޫކްރެއިނުން ބުނެފައިވަނީ ވީހާވެސް އަވަހަކަށް އަމިއްލަ ގައުމުގައި މިސައިލް އުފެއްދުމުގެ މަސައްކަތް ފަށަން މަސައްކަތްކުރާނެ ކަމަށެވެ.

ޖަރުމަނުގެ ބްރެމެން ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތެއް ކަމަށްވާ ނިކޮލޭ މިޓްރޮކިން އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި، ކުރު މުއްދަތެއްގެ ތެރޭގައި މިކަމުން ޔޫކްރެއިނަށް މާ ބޮޑު ފައިދާއެއް ނުކުރާނެއެވެ. ނަމަވެސް އެމެރިކާގެ ޓެކްނޮލޮޖީ ލިބުމުން، ޔޫކްރެއިނުން އަމިއްލައަށް ކުރިއަށްގެންދާ ބެލިސްޓިކް އަދި ކައުންޓަރ-ބެލިސްޓިކް މިސައިލް ޕްރޮގްރާމްތައް ވަރަށް ބޮޑަށް އަވަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަގުހެޔޮ، އާދައިގެ މިސައިލްތައް އުފެއްދުމަށް ޔޫކްރެއިނުން އިސްކަންދީފާނެ ކަމަށާއި، އެކަމަށް އަހަރަކަށްވުރެ ކުރު މުއްދަތެއް ނަގާނެ ކަމަށްވެސް އޭނާ ލަފާކުރެއްވިއެވެ.

ހަނގުރާމައިގެ މައިދާނަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވޮޝިންޓަންގެ ތިންކް ޓޭންކެއް ކަމަށްވާ ޖޭމްސްޓައުން ފައުންޑޭޝަންގެ އަސްކަރީ އެނަލިސްޓް ޕަވެލް ލޫޒިން ފާހަގަކުރެއްވި ގޮތުގައި، މިހާރު ހަނގުރާމަ ބަދަލުވަމުންދަނީ ނެޓްވޯކްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމަކަށެވެ. ސިފައިން މަދުވުމުގެ މައްސަލައާ ކުރިމަތިވެފައިވާ ޔޫކްރެއިނުން މިހާރު އަންނަނީ ޑްރޯންތަކާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ބިމުގައި ދުއްވާ ރޮބޮޓްތަކަށް ވަރަށް ބޮޑަށް ބަރޯސާވަމުންނެވެ. ގޫގުލްގެ ކުރީގެ ސީއީއޯ އެރިކް ޝްމިޑްގެ ކުންފުންޏަކުން އުފައްދާފައިވާ “ހޯނެޓްސް” ޑްރޯންތަކުން އޭއައި ބޭނުންކޮށްގެން ރަޝިއާގެ އުޅަނދުތައް ދެނެގަންނައިރު، މިއީ އިލެކްޓްރޯނިކް ޖޭމިންގ މެދުވެރިކޮށް ހުއްޓުވޭނެ ތަކެއްޗެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ “ދަ ފައިނޭންޝަލް ޓައިމްސް” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ހަނގުރާމަ ކާމިޔާބުކުރާނީ ވައިގެ މަގުން ކަމަށެވެ. އަދި ވައިގެ މައިދާނުގައި ޔޫކްރެއިނުން މިހާރު ވާދަވެރިކަން އުފައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދާދި ފަހުން ޔޫކްރެއިނުން ވަނީ ރަޝިއާގެ ސައިބީރިއާ ސަރަހައްދުގައި ހުންނަ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުހާނާއަށްވެސް ޑްރޯން ހަމަލާއެއް ދީފައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ ކުރީގެ ޑެޕިއުޓީ ހެޑް ލެފްޓިނެންޓް-ޖެނެރަލް އިހޯރް ރޮމަނެންކޯ ވިދާޅުވި ގޮތުގައި، ރަޝިއާގެ ބޮޑުކަމުންނާއި އެ ގައުމުން ވައިގެ ދިފާއީ ނިޒާމަށްވުރެ ބޮޑަށް މިސައިލް އުފެއްދުމަށް އިސްކަންދިނުމުގެ ސަބަބުން، ރަޝިއާއަށް ވައިގެ ދިފާއީ ކަންކަން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ނަމަވެސް، ޔޫކްރެއިންގެ ކުރީގެ އިސް ޖެނެރަލް އަދި މިހާރު އިނގިރޭސިވިލާތުގައި ހުންނަވާ ސަފީރު ވެލެރީ ޒަލޫޒްނީ “ދަ ޓެލެގްރާފް” ގައި ލިޔުއްވި ލިޔުމެއްގައި އިންޒާރުދެއްވި ގޮތުގައި، ހަމައެކަނި ވައިގެ ހަމަލާތަކުން ހަނގުރާމައިގެ ފުރިހަމަ ކާމިޔާބީއެއް ނުލިބޭނެއެވެ. އަދި ރަޝިއާއިން އެއަށްވުރެ ވަރުގަދަ ހަމަލާތަކެއް ރައްދުގައި ދިނުމުގެ ގާބިލުކަން ގެންގުޅޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މިގޮތުން، ހުކުރު ދުވަހު ރަޝިއާއިން ކީވްއަށް ދިން ހަމަލާއެއްގައި 68 މިސައިލާއި 351 ޑްރޯން ބޭނުންކޮށްފައިވާއިރު، މި ހަމަލާގައި 27 މީހުން ވަނީ މަރުވެފައެވެ.

ސުލްހައިގެ މަޝްވަރާތަކާ ގުޅޭގޮތުން ކީވްގައި ހުންނަ ޕެންޓާ ތިންކް ޓޭންކްގެ ވެރިޔާ ވޮލޮޑިމިއަރ ފެސެންކޯ އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ސުލްހައިގެ މަޝްވަރާތަކުގެ މިސްރާބު ބަދަލުކުރަން ޖެހޭކަން ޔޫކްރެއިނުން ވަނީ އެމެރިކާއަށް ވިސްނައިދީފައެވެ. އެގޮތުން މިހާރު މަޝްވަރާކުރަންވީ ޔޫކްރެއިނުން ދޫދޭނެ ކަންތައްތަކަކާ މެދު ނޫން ކަމަށާއި، އޭގެ ބަދަލުގައި ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިއާގެ ކްރެމްލިންއިން މިކަމަށް ތައްޔާރު ނޫން ނަމަވެސް، އެމެރިކާއިން މި ވިސްނުމަށް ތާއީދުކުރަމުން އަންނަ ކަމަށް ފެސެންކޯ ފާހަގަކުރެއްވިއެވެ.