މާލޭގެ ގަލޮޅު ހަލަވެލި ގޯޅީގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދޭ ގޮތުގައި، އަލިފާނުގެ މި ހާދިސާ ހިނގާފައި ވަނީ ގ. މިތުރު ގައެވެ. އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސްއިން ކުރި މަސައްކަތުން މިހާރު އެ ގޭގައި ރޯވި އަލިފާން ވަނީ އެއްކޮށް ނިއްވާލެވިފައެވެ.
މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅޭ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
މީގެ އިތުރުން މިއަދު މާލޭގެ މުނިޔާ މަގުގައި ހުރި މ. ސަފާގެ، ދެ ބުރީގެ އިމާރާތެއްގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގެ ރިޕޯޓް ލިބުމާއެކު ސިފައިންނާއި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު، އެ އިމާރާތުގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް އެތަނުގައި ގުދަންކޮށްފައި ހުރީ ފޮތި ރޯލުތަކެއް ކަމަށްވާތީ، އެ ސަރަހައްދުގައި އަދިވެސް ބޯކޮށް ދުން އަރަމުންދާ ކަމަށް އެންޑީއެމްއޭ އިން ފާހަގަކުރެއެވެ.
މި ހާދިސާ ހިނގައިގެން އެމްއެންޑިއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 8:40 ހާއިރުއެވެ.
މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ފުލުހުން ބުނީ މި ހާދިސާތަކާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތު ލިބެމުންދާ ވަރަކަށް އާންމުންނާ ހިއްސާ ކުރަމުންދާނެ ކަމަށެވެ. އެންޑީއެމްއޭ އިން ދަނީ މި ހާދިސާތަކުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
