އިރާނުގެ ސުޕްރީމް ލީޑަރު، ޝަހީދު އާޔަތުالله އަލީ ހާމަނާއީ އަވަހާރަވުމުން, އެ މަނިކުފާނުގެ ރަސްމީ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް ދެއްވި ދައުވަތާ ގުޅިގެން، ދަތުރުގެ އިންތިޒާމްތަކަށް ބައެއް ބަދަލުތައް އައިސްފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން މި ދައުވަތުގައި ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖައްސާފައިވާނީ ދިވެހިރާއްޖޭން ސައުދީ އަރަބިއްޔާއަށާއި، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ކަމުގައި އިރާނަށް އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން ބުނީ ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް އިރާން އެމްބަސީން ވަނީ ބޭރުގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުސޫލަށް ބަދަލު އައިސްފައިވާކަން އަންގާފައެވެ. އަދި މިހާރު ހަމަޖެހިފައިވާ އުސޫލުން ސަފީރުންގެ ލެވެލްގައި ޖަނާޒާގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އިރާނުން އެންގިކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މައުލޫމާތު ލިބުމާ ގުޅިގެން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އިރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރެވުނުކަމަށާއި، ނަމަވެސް ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވުމުން ސްޓޭޓް މިނިސްޓަރަށް ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމަށް ވާތީ ދަތުރުފުޅު މަޑުޖައްސާލުމަށް އިރާން ސަރުކާރުން ލަފާ ދިން ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އިރާން ސަރުކާރުން ވަނީ ދިވެހިރާއްޖެއިން ސްޓޭޓް މިނިސްޓަރެއް މި ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް ޝުކުރުއަދާކުރައްވާފައިކަމަށެވެ.
އަދި މި ވަގުތު ދަތުރުފުޅު ކުރެއްވުމުގެ ބަދަލުގައި، ފަހުގެ ތާރީޚެއްގައި ސަރުކާރުގެ އިސްބޭފުޅަކު އިރާނަށް ވަޑައިގަތުމަށް އެ ގައުމުން ލަފާ ދެއްވާފައިވާކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެެވެ.
