އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގުޅުމުގައި އިސްކޮށް ހުންނެވީ ނުވަތަ "ބޮސް" އަކީ ކާކުކަން ނަތަންޔާހޫއަށް އެނގޭނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ "އެކްސިއޯސް" އަށް ފޯނުން ދެއްވި ކުރު އިންޓަވިއުއެއްގައި ޓްރަމްޕް މިހެން ވިދާޅުވިއިރު، ކުރިއަށް އޮތް ހަފުތާގައި ނަތަންޔާހޫ ވައިޓް ހައުސްއަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕާއި ނަތަންޔާހޫގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން މިދަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނާއާއި ނަތަންޔާހޫއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެކެވެ.
ނަމަވެސް، އިޒްރޭލުގެ އޮފިޝަލަކު އެކްސިއޯސް އަށް މައުލޫމާތު ދިން ގޮތުގައި، ޖުލައި 7 އިން 8 އަށް ތުރުކީގައި ބާއްވާ ނޭޓޯ ސަމިޓަށް ޓްރަމްޕް ވަޑައިގަންނަވާތީ، ކުރިއަށް އޮތް ހަފުތާގައި މި ބައްދަލުވުން ބޭއްވުމަކީ ނާދިރު ކަމެކެވެ. އޭގެ ބަދަލުގައި އޭގެ އަނެއް ހަފުތާގައި ބައްދަލުވުން ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޮފިޝަލު ބުނެއެވެ. ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ހުކުރު ދުވަހު ޓްރަމްޕަށް ފޯނުން ގުޅައި، އެމެރިކާގައި ވަރަށް އަވަހަށް ބައްދަލުކުރުމަށް އެއްބަސްވި ކަމަށެވެ.
އެމެރިކާއަކީ އިޒްރޭލުގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވީ ނަމަވެސް، ފަހަކަށް އައިސް ޓްރަމްޕް ވަނީ ފާޅުގައި ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ފާޑުކިޔުންތައް އަމާޒުވެފައިވަނީ، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އާ ދެކޮޅަށް އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އީރާނާއެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް ހުރަސްއެޅެމުންދާތީއެވެ. ޓްރަމްޕާއި ނަތަންޔާހޫ އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ ފެބްރުއަރީ 11 ވަނަ ދުވަހު ވޮޝިންޓަންގައެވެ.
