މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާއަށް މޮރޮކޯ ދަތުރުކޮށްފިއެވެ. މޮރޮކޯ ކުއާޓާއަށް ދިޔައީ ގަދަ 16 ގެ ފުރަތަމަ މެޗުގައި މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ ކެނެޑާ 3-0 އިން ބަލިކޮށްގެންނެވެ.

މިމެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ކެނެޑާއިންނެވެ. މިގޮތުން، މެޗުގެ ފުރަތަމަ 10 މިނެޓްގައި ވެސް ކެނެޑާއިން ނުރައްކާތެރި ހަމަލާތައް އުފެއްދި އިރު މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ މުހިއްމު ސޭވްތަކެއްކޮށްފައެވެ.

ސައިބާރީއަށް އިންޖަރީ ވެގެން ބާލަނީ/ފޮޓޯ: އެކްސް

ފުރަތަމަ ހާފްގައި މޮރޮކޯ އެއްވެސް ވަރަކަށް ކުޅެން ކެނެޑާއިން ފުރުސަތު ނުދިން އިރު މިމުބާރާތުގައި މޮރޮކޯގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އިސްމާއީލް ސިއަބާރީ އަނިޔާވެ ބާލަން ޖެހުނު ހިސާބުން މޮރޮކޯގެ ހިތްވަރު ބޮޑަށް އެލުނެވެ.

އެހެން ނަމަވެސް 0-0 ގެ ސްކޯލައިނަކާއެކު ފުރަތަމަ ހާފް ނިންމާލި އިރު ދެވަނަ ހާފްގައި ފެނިގެން ދިޔައީ މުޅިން ތަފާތު މޮރޮކޯއެކެވެ. އަދި ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރުތަކެއ ނުވެ މޮރޮކޯއިން ލަނޑެއް ޖެހިއެވެ. ރީތި ފްރީކިކް ރޫޓިންއަކަށް ފަހު މި ލަނޑު ޖާމިޔާބުކޮށް ދިނީ ޒުވާން މިޑްފީލްޑަރު އިއްޒުދީން އޮނާހީއެވެ.

އޮނާހީ ވަނީ މިމެޗުގައި ދެ ލަނޑު މޮރޮކޯއަށް ޖަހާ ދީފައި/ފޮޓޯ: އެކްސް

ފުރަތަމަ ހާްފްގައި ދެއްކި ފަދަ ކުޅުމެއް ދެވަނަ ހާފްގައި ކެނެޑާއަށް ދެއްކިފައި ނުވާ އިރު މެޗުގައި މޮރޮކޯއިން ދެން ޖެހި ދެ ލަނޑު ވެސް ކާމިޔާބުކުރީ 80 މިނެޓްގެ ފަހުންނެވެ. ކައުންޓާގައި ޖެހި މި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ޖެހީ އޮނާހީއެވެ. އަދި ދެވަނަ ލަނޑު ޖެހީ ސައިބާރީ ބާލާފައި ކުޅެން އެރުވި ރަހީމީއެވެ. މި ދެ ލަނޑުގައި ވެސް ރިއާލް މެޑްރިޑްއަށް ކުޅޭ ބްރާހިމް ޑިއޭޒްގެ ދައުރު ބޮޑެވެ.

މިމެޗުން މޮޅުވެ މޮރޮކޯ ކުއާޓާއަށް ގޮސްފައިވާ އިރު އެގައުމަކީ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދެ ފަހަރު ދިޔަ އެފްރިކާގެ ފުރަތަމަ ޓީމެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް ވޯލްޑްކަޕްގެ ސެމީއާ ހިސާބަށް މޮރޮކޯ ދިޔައެވެ.

މިފަހަރުގެ މުބާރާތުގެ ކުއާޓާގައި މޮރޮކޯ ވާދަކުރާނީ މިރޭ ފްރާންސްއާ ޕެރަގުއޭ ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗު ކުޅޭނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 2 ޖަހާ އިރުއެވެ.