ހުޅުމާލެ ފޭސް 1 ގެ 110 ވަނަ ފުލެޓުގެ އެޕާޓްމަންޓެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި، ދެ ކުޑަކުދިން ހިމެނޭހެން ފަސް މީހަކަށް އަސަރުކޮށްގެން ފަރުވާދޭން ހޮސްޕިޓަލަށް ގެންދިޔަކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ 110 ވަނަ ފުލެޓުގެ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމަންޓެއްގައެވެ. މި ހާދިސާގެ ރިޕޯޓް ރޭ ދަންވަރު 01:10 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ.
ސިފައިން ކުރި މަސައްކަތުން އެޕާޓްމަންޓުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 01:23 ހާއިރުއެވެ. މި ހާދިސާގައި އަލިފާނުގެ ސަބަބުން އެކި ވަރުގެ އަސަރުކޮށްގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދެ ކުޑަކުދިންނާއި ތިން ބޮޑެތި މީހުންނެވެ.
މި ހާދިސާގައި އެޕާޓްމަންޓަށް ލިބުނު ގެއްލުންތައް ބެލުމާއި، އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ ކުރަމުންނެވެ.
