ހެލްތް މިނިސްޓްރީ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިން ޖެންޑާ އިންކްލޫސިވް އިނިޝިއޭޓިވްސް" (އެސްޖީއައިއައި) މަޝްރޫއުގެ ދަށުން، މަދަނީ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ގްރާންޓް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ، މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ "މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ ގައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ގައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުން ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން، މަދަނީ ޖަމިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫއުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
މި އެހީއަށް ކުރިމަތިލެވޭނީ ޖަމިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީވެ، ގަވާއިދުން ހިންގަމުންދާ މަދަނީ ޖަމިއްޔާތަކަށެވެ. އަދި މި ޕްރޮގްރާމްތައް ހިންގުމުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން، އެހެނިހެން މަދަނީ ޖަމިއްޔާތަކާ ގުޅިގެން ޕާޓްނާޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ވަނީ ފަހިކޮށްދީފައެވެ.
މި ގްރާންޓް ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ދެ ދާއިރާއަކަށެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމާއި އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރުމުގެ ދާއިރާއެވެ.
ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުން:
މި ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން އެހީގެ ގޮތުގައި ދޫކުރާނެ އެންމެ މަތީ އަދަދަކީ 1,156,500 ރުފިޔާއެވެ.
އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރުން:
މި ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް އޮންނާނެއެވެ. މި ދާއިރާއިން ދޫކުރާނެ އެންމެ މަތީ އަދަދަކީ 925,000 ރުފިޔާއެވެ.
މި ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ އަންނަ މަހުގެ 8 ދުވަހުގެ މެންދުރުފަހު 14:00 އެވެ.
ހެލްތް މިނިސްޓްރީން އިތުރަށް ބުނީ، މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންނާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް ރަށު ފެންވަރުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އަދި ޕްރޮޕޯސަލް ހުށަހަޅާއިރު ކަނޑައެޅިފައިވާ އުސޫލުތަކަށް ސަމާލުކަން ދިނުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
