މާލޭ ވިޔަފާރި ބަނދަރަކީ ދިވެހިރާއްޖޭގެ އިގްތިސޯދީ މައިނާރެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ ބޮޑުބައި މި ބަނދަރުގެ ތެރެއިން ދައުރުވަމުންދާއިރު، އެ ތަނުގެ އޮޕަރޭޝަންތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ އެންމެ އިސް ޒިންމާއެއް އަދާކުރަނީ ހެވީ ވެހިކަލް އޮޕަރޭޓަރުންނެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، މި ފަންނީ ދާއިރާއިން ދިވެހިން ހޯދާފައިވާ ތަމްރީނާއި ކުރިއެރުންތަކާއެކު، މިއަދު ބަނދަރުގެ އުޅަނދުތައް ދުއްވުމުގެ މުހިންމު ދައުރު އަދާކުރަނީ ފަޚުރުވެރި ދިވެހި މުވައްޒަފުންނެވެ.

ބަލާބެލުމަށް ހެވީ ވެހިކަލް އޮޕަރޭޓްކުރުމަކީ އާދައިގެ މަސައްކަތެއްގެ ގޮތުގައި ފެނުނު ނަމަވެސް، މިއީ ރެޔާއި ދުވާލު، އަވީގައާއި ވިއްސާރައިގައި ކުރަންޖެހޭ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތެކެވެ. މުދާ އުފުލުމުގެ މި އޮޕަރޭޝަންތަކަށް ކިރިޔާވެސް ބުރޫއަރައިފި ނަމަ، މުޅި ބަނދަރުގެ ހިންގުމަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. އެހެންކަމުން، ހެވީ ވެހިކަލް އޮޕަރޭޓަރުންނަކީ ބަނދަރުގެ ހިންގުން ދެމެހެއްޓުމުގައި ނުހަނު އިހްލާސްތެރި އަދި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ބައެކެވެ.

މި ދާއިރާއިން ފާހަގަކޮށްލެވޭ ނަމޫނާ ޝަހްސިއްޔަތެއް ކަމުގައިވާ އަލީ ނައީމަކީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި މެދުނުކެނޑި 19 އަހަރު ހިދުމަތް ކުރަމުން އަންނަ މީހެކެވެ. އޭނާގެ ދިގު މުއްދަތުގެ ތަޖުރިބާއާއި މަސައްކަތަށް ބަހައްޓާ ފަރުވާތެރިކަމަކީ މިއަދު މި ދާއިރާއަށް ނުކުންނަ ޒުވާނުންނަށް ހުރި ރީތި ނަމޫނާއެކެވެ. އަލީ ނައީމް މިހާރު މަސައްކަތް ކުރަމުންދަނީ ފްލީޓް ސަރވިސަސް ޑިޕާޓްމަންޓުގެ ޓަރމިނަލް ވެހިކަލް ޔުނިޓުގެ ޕްލޭނަރެއްގެ މަގާމުގައެވެ. އޭނާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރީޗް ސްޓެކާ ބޭނުންކޮށްގެން ކޮންޓޭނަރުތައް އުފުލައި ތަރުތީބުކުރުމުގެ އިތުރުން، ސުޕަވައިޒަރެއްގެ ހައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތްތައް ބަލަހައްޓައި އިރުޝާދު ދިނުމެވެ. މީގެ ތެރޭގައި ބޯޓުފަހަރުން ބާލާ ކޮންޓޭނަރުތައް ބްލޮކްތަކަށް ޖެހުމާއި، ކްލިއަރެންސް ހެދުމަށްޓަކައި ކަނޑައެޅިފައިވާ ސަރަހައްދުތަކަށް ކޮންޓޭނަރުތައް ބަދަލުކުރުން ހިމެނެއެވެ.

އަލީ ނައީމް ހެވީ ވެހިކަލް އޮޕަރޭޓް ކުރަނީ
"ކުރިއަށް އޮތްތާ ބަނދަރުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމާއެކު، މި ހެވީ ވެހިކަލްތައް ފަސޭހަކަމާއެކު ދުއްވާނެ ޖާގަ ލިބިގެންދާނެ، މިއީ އަޅުގަނޑުމެން ހެވީ ވެހިކަލް ދުއްވާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް،"
އަލީ ނައީމް

އަލީ ނައީމްގެ މަސައްކަތުގެ ދަތުރު ފެށުނީ 2007 ވަނަ އަހަރު ލޭބަރެއްގެ ގޮތުގައެވެ. ނަމަވެސް، ހެވީ ވެހިކަލް ދުއްވުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން، އޭނާ ވަނީ އަމިއްލައަށް އިސްނަގައިގެން ފޯކްލިފްޓާއި ރީޗް ސްޓެކާ ދުއްވަން ދަސްކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފާއިތުވި 10 އަހަރު އޭނާ ވަނީ އޮޕަރޭޓަރެއްގެ ގޮތުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭނާ ފާހަގަކުރާ ގޮތުގައި މި ކުރިއެރުމުގެ ފަހަތުގައިވަނީ ކުންފުނިން ލިބުނު އެއްބާރުލުމާއި، އަމިއްލަ ނަފްސަށް އޮތް އިތުބާރެވެ.

ހެވީ ވެހިކަލް އޮޕަރޭޓްކުރުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިތޯ ސުވާލުކުރުމުން އަލީ ނައީމް ބުނީ، މިހާރުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާ ހެދި ބޮޑެތި އުޅަނދުފަހަރުތައް ދުއްވުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ކުރިއަށް އޮތް ތަނުގައި ލިބިގެންދާނެ ކަމުގެ އުންމީދު އޭނާގެ އެބައޮތެވެ. މަސައްކަތުގެ ފަންނީ ހުނަރު އިތުރުކުރުމަށްޓަކައި އެމްޕީއެލްގެ ފަރާތުން އިންޑޮނޭޝިއާއަށް ގޮސް ތަމްރީނު ހޯދުމުގެ ފުރުސަތުވެސް އަލީ ނައީމަށް ވަނީ ލިބިފައެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބަނދަރުގެ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ކުރިއަށްދަނީ ޓީމް ވޯކެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ. އެގޮތުން ޓްރެއިލާ ޑްރައިވަރުންނާއި، އޮޕަރޭޓަރުންނާއި ޔާޑު ސުޕަވައިޒަރުންގެ މެދުގައި އޮންނަ ބަދަހި ގުޅުމަކީ މަސައްކަތުގެ ސްޕީޑް އަވަސްވެ، ހިތްވަރު ލިބޭ ކަމެކެވެ.

އަލީ ނައީމް ހެވީ ވެހިކަލް އޮޕަރޭޓް ކުރަނީ

ޒުވާނުންނަށް މެސެޖެއް ދެމުން އަލީ ނައީމް ބުނީ، މިއީ ޒުވާން އުމުރުގައި ފަށަން ވަރަށް ރަނގަޅު، އުޖާލާ މުސްތަގްބަލެއް އޮތް ދާއިރާއެއް ކަމަށެވެ. "ބައެއް ކުދިން ހެވީ ވެހިކަލް ދުއްވަން ޖެހިލުންވޭ. ނަމަވެސް ބިރުކަނޑާލައި މި މަސައްކަތަށް ފަރިތަވެއްޖެނަމަ، މިއީ ހަމަ ކުރެވޭނެ ކަމެއް،" އޭނާ ބުންޏެވެ.

މިއަދު އަލީ ނައީމަކީ ހަމައެކަނި ތަޖުރިބާކާރު އޮޕަރޭޓަރެއް ނޫނެވެ. އޭނާއަކީ އަލަށް މި ދާއިރާއަށް ނުކުންނަ ޒުވާނުންނަށް މަގުދައްކައިދޭ ހީވާގި މުދައްރިބެއްވެސް މެއެވެ. އޭނާގެ މި އިހްލާސްތެރި ހިދުމަތަކީ އެމްޕީއެލް ފަދަ މުހިންމު މުއައްސަސާއަކަށް ލިބޭ ބޮޑު ފަހުރެކެވެ.