މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ ރުފިޔާ ކާޑުން އީކޮމާސް ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފިއެވެ.
އެމްއައިބީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން އެ ހިދުމަތް ލިބިގަނެ އެހެނިހެން ބޭނުންތަކަށް ލިމިޓް ބޭނުން ކުރަމުންދާ ކަމަށެވެ.
އަދި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އެ ހިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަންދިނުމުގެ ގޮތުން މި ހިނދުން ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.
އެމްއައިބީން ބުނި ގޮތުގައި މި ނިންމުމާއެކު އީ ކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަނެވެ.
މި ބަދަލު ގެނައި ނަމަވެސް ބައެއް ވިޔަފާރި ސައިޓްތައް ފިޔަވާ ކަސްޓަމަރުން އާންމު ބޭނުންތަކަށް ބޭނުންކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި ސިއްހީ ހިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ނޭނުން ކުރެވޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.
އަދި މިފަދަ ނިންމުމެއް ނިންމާފައި މިވަނީ މި ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަަމަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އެ ބޭންކުން ބުނެފައި ވެއެވެ.
އެމްއައިބީން މިފަދައިން ނިންމިއިރު ކޮވިޑްގެ ހާލަތުގެ ފަހުން ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓް ކުޑަކޮށްފައި އޮންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މިދިޔަ އަހަރު ރުފިޔާ ޑެބިޓް ކާޑު ލިމިޓްގެ 500 ޑޮލަރަށް ބޮޑުކުރުމަށް ފަހު އަނެއްކާވެސް ކުޑަކުރިއެވެ. އަދި މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން ބީއެމްއެލްގެ ޑެބިޓް ކާޑު ބޭނުންކުރާ އެންމެންގެ މެދުގައި ދުވާލަކަށް ބޭންކުރެވޭނެ ލިމިޓެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
ޑޮލަރު ދޫކުރާ މިންވަރު ބީއެލްއެލްއިން ވަރަށް ބޮޑަށް ލިމިޓްކޮށްފައިވާ އިރު މިހާރު ޑޮލަރެއްގެ އަގު ބްލެކް މާކެޓުގައި ހުރީ 20ރުފިޔާއިން މަތީގައެވެ.
