ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ގއ. ދާންދޫ، ޒައިނާ އަބްދުﷲ، އައްޔަންކޮށްފިއެވެ.
ޒައިނާއަކީ ބޭންކިން، ކޯޕަރޭޓް ފައިނޭންސް އަދި އިސްލާމިކް ބޭންކިންގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ފާހަގަކޮށްލެވޭ ތަޖުރިބާ ހާސިލުކުރައްވާފައިވާ، ހިންގުންތެރި ފަންނީ ބޭފުޅެކެވެ. ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމާ، ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއަކީ ވެސް އޭނާގެ ހާއްސަ ހުނަރުތައް އެކުލެވޭ މުހިންމު ދާއިރާތަކެވެ.
ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ. އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.
ޒައިނާ މިހާރު އަދާކުރައްވަމުން ގެންދަވާ މަގާމަކީ މޯލްޑިވްސް އިސްލާމިކް ބޭންކް ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިން އެވެ. މި އިސް މަގާމުގައި އޭނާ ބަލަހައްޓަވާ މުހިންމު ކަންކަމުގެ ތެރޭގައި ބޭންކުގެ ކޯޕަރޭޓް ފައިނޭންސިން އޮޕަރޭޝަންތައް ރާއްވައި ހިންގުން، ކްރެޑިޓް އިވެލުއޭޝަން އަދި ފައިނޭންސިން ލިޔެކިޔުންތަކާއި ހުއްދަތައް ދިނުން ހިމެނެއެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާ، ބޮޑެތި މަޝްރޫއުތަކަށް ދޫކުރެވޭ ފައިނޭންސިން އާ ގުޅޭ އެންމެހައި ކަންކަން އިސްވެ ބެލެހެއްޓުމަކީ އޭނާގެ ޒިންމާއެކެވެ.
އެމްއައިބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ގެ ސީނިއާ އޮފިސަރެއްގެ މަގާމުގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައެވެ. އެ މުއްދަތުގައި އޭނާ ކުރެއްވި ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓާކޮށް އިވެލުއޭޓް ކުރުމާއި މާލީ ބަޔާންތައް، ބަޖެޓުތައް އަދި ބިޒްނަސް ޕްލޭންތައް ފުންކޮށް ދިރާސާކުރުން ހިމެނެއެވެ. މީގެ އިތުރުން ޒައިނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ އަދި ސްޓްރެޓީޖިކް އިސްލާހްތައް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.
ބޭންކިން ދާއިރާގެ އިތުރުން ދައުލަތުގެ ކުންފުނިތައް ހިންގުމާއި ބެލެހެއްޓުމުގެ ދާއިރާގައި ހޯއްދަވާފައިވާ ހަރުދަނާ ތަޖުރިބާތަކާއެކު، ޒައިނާ އަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް މާލީ އަދި އިދާރީ ގޮތުން އަގުހުރި އިލްމީ އަދި ފަންނީ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ބޭފުޅެކެވެ.
