ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އަންނަ ފާމަސީތައް، އަލަށް އުފެއްދި "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް" އަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެސްޓީއޯ އިން ހާމަކޮށްފައިވާ ގޮތުގައި، ފާމަސީތަކުގެ ހިންގުން އާ ކުންފުންޏަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އިންވެންޓްރީ ކައުންޓް ކުރުމުގެ މަސައްކަތް މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު ކުރިއަށްދާނެއެވެ. މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އެސްޓީއޯގެ ފާމަސީތައް ބަންދުވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

ނަމަވެސް، ފާމަސީތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި ވެސް ކޮންމެހެން ބޭނުންވާ އެމަޖެންސީ ހާލަތްތަކުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމުގެ ޔަގީންކަން އެސްޓީއޯ އިން ވަނީ ދީފައެވެ.

މި އިންވެންޓްރީ ނިމުމާއެކު، ދެން އެ ފާމަސީތަކުން ހިދުމަތް ދިނުމާއި، ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ސަޕްލައިސް އެތެރެކޮށް ފޯރުކޮށްދިނުމުގެ އެންމެހާ ޒިންމާތައް އުފުލާނީ އަލަށް އުފެއްދި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުންނެވެ.

މި ބަދަލަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ ބޭހާއި ތަކެތި އިތުރަށް ހަރުދަނާކޮށް، ވަކި ކުންފުންޏެއްގެ ދަށުން އެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެކެވެ.