މޯލްޑިވްސް ޒަކާތު ހައުސްއިން ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ޒަކާތު ހައުސްއިން ބުނި ގޮތުގައި ފައިސާ އިއްޔެ ވަނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންއެސްޕީއޭ)އަށް ޖަމާކޮށްފައެވެ. 2024 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި މިނިސްޓްރީ އޮފް ހެލްތާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، ކޮންމެ އަހަރަކުވެސް ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން ދަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި ފަހުމުނާމާގައި ސޮއިކުރުމުގެ ކުރިންވެސް، 2014ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ޒަކާތު ފަންޑުން ވަނީ ތެލަސީމިއާ ބަލިމީހުންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މިދިޔަ އަހަރުވެސް ޒަކާތު ފަންޑުން 10 ފަރާތަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައި ވެއެވެ. އަދި 2024 ވަނަ އަހަރު ޒަކާތު ފަންޑުން ބޯން މެރޯ ހެއްދުމަށް 7،303،110.34 ރުފިޔާ ހަރަދުކޮށްފައިވާއިރު 2023 ވަނަ އަހަރު ޒަކާތު ފަންޑުން ބޯން މެރޯ ހެދުމަށް 3،851،946.62 ރުފިޔާ ހަދިޔާ ކޮށްފައި ވެއެވެ.
ތެލެސީމިއާއަކީ މުޅި އުމުރަށް ލޭ އެޅުމާއި ސިއްހީ ފަރުވާ ބޭނުންވާ، ވާރުތަވާ ލޭގެ ބައްޔެކެވެ. މި ބައްޔަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމެވެ. މި ފަރުވާގައި ކުރެވޭ ކަމަކީ ބަލިމީހާގެ މައްސަލަ ހުރި ބޯންމެރޯގެ ބަދަލުގައި، ގުޅޭ ހަދިޔާކުރާ ފަރާތެއްގެ ދުޅަހެޔޮ ސްޓެމް ސެލްތައް ޓްރާންސްޕްލާންޓްކުރުމެވެ.
މީގެ ސަބަބުން ހަށިގަނޑަށް އާދައިގެ ރެޑް ބްލަޑް ސެލްތައް އުފެއްދުމުގެ ގާބިލުކަން ލިބިގެންދެއެވެ. ކާމިޔާބުކަމާ އެކު ބޯންމެރޯ ހެދުމުން ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ގަވާއިދުން ލޭ އެޅުމަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ބަލީގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތަކުން ސަލާމަތްކޮށްދެއެވެ. މިއީ ވަރަށް ބޮޑަށް ޚާއްސަވެފައިވާ އަދި އަގުބޮޑު ފަރުވާއަކަށް ވުމުން، ޝަރުތުހަމަވާ ބަލިމީހުންނަށް މި ފުރާނަ ސަލާމަތްކޮށްދޭ ފަރުވާ ހޯދައިދިނުމުގައި މާލީ އެހީތެރިކަން ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.
