މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44.2 ޕަސެންޓު އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2025ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި 12,040,524.09 ރުފިޔާ ޒަކާތު ފަންޑަށް ލިބިފައިވެއެވެ. އަދި 2026 ވަނަ އަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 ރުފިޔާއަށް އަރާފައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު އިތުރުވެފައިވާއިރު، މި މަހުގެ ތެރޭގައި ޒަކާތު ފަންޑުން 2.80 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަަށް ޒަކާތު ހައުސް އިން ވަނީ ބުނެފައެވެ. އޭގެ ތެރެއިން 1.75 މިލިއަން ރުފިޔާ، ދޫކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ.
މި ބައިގެ ތެރެއިން 1.48 މިލިއަން ރުފިޔާ ބޭސްފަރުވާގެ އެހީގެ ގޮތުގައި ދޫކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ވަނީ ދޫކޮށްފައެވެ.
