މި އަހަރު ރާއްޖެއައި 1 މިލިއަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މި އަހަރު ރާއްޖެ އައި 1 މިލިއަން ވަނަ ޓޫރިސްޓަކީ ސްޕެއިނަށް ނިސްބަތްވާ އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާއެވެ. އޭނާ އޭނާގެ ފިރިމީހާއާއެކު ރާއްޖެ އައީ ވ. ފުލިދޫ ދަ ޕާލް ސީވިއު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރުމަށެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަމާއި ސާބިތުކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެއް ކަމަށެވެ.

އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ރާއްޖެއިން 1 މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔާފައިވާއިރު، މި އަހަރު މި މައިލްސްޓޯނަށް ވާސިލްވެވިފައިވަނީ ޖޫން 21 ގައިކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ދުވަސްތަކުގެ ފަރަގު އައުމުގެ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ގޮތުން، ހާއްސަކޮށް މެދުއިރުމަތީގެ ވައިގެ ސަރަހައްދުގެ ދަތުރުފަތުރަށް ދިމާވި ބޮޑެތި ބުރޫއެރުންތަކެވެ.

އެއާއެކު މިނިސްޓަރު އަމީން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންނާއި އެއާލައިންތަކުން ދެއްވި އެއްބާރުލުމާއި ހިތްވަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސަރުކާރުން ދަނޑިވަޅާ ބެހޭގޮތުން ނިންމެވި ހަރުދަނާ ނިންމެވުންތަކަށް ވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މޭ މަހުގެ ނިޔަލަށް ޖުމްލަ 921,115 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މި މުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 6,100 ފަތުރުވެރިން ރާއްޖެއަށް އާދެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ ކުރީގައި އޮތީ ޗައިނާއެވެ. އެ ގައުމުން 143,917 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 15.6 ޕަސެންޓް) ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާއިން 125,096 ފަތުރުވެރިން ވަނީ އައިސްފައެވެ. ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 80,323 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އިޓަލީ އަދި ޖަރުމަނުވިލާތަކީ ވެސް ރާއްޖޭގެ މާކެޓުގައި މުހިންމު ދައުރެއް އަދާކުރާ ދެ ގައުމެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ޖުމްލަ 2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ގެނައުމަށެވެ.