2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެމެރިކާގެ ލޮސް އެންޖެލިސް އަދި ސިއެޓްލްގައި އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އެ ޓީމު އެމެރިކާއިން ފުރަންޖެހޭނެކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފިއެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާއިން މިކަން ހާމަކޮށްފައިވަނީ އީރާނު ޓީމުގެ ވިސާއާއި އެމެރިކާގައި ތިބުމުގެ ކަންކަމާ ގުޅޭގޮތުން ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
އީރާނާއި ނިއު ޒީލެންޑް ބައްދަލުކުރި ގްރޫޕް ޖީގެ މެޗު މިދިޔަ ހޯމަ ދުވަހު ލޮސް އެންޖެލިސްގައި ކުޅެފައިވާއިރު، މި މެޗު ކުޅެފައިވަނީ އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ތެރޭގައެވެ. މެޗު ނިމުނުތާ މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އީރާނުގެ ޓީމު ވަނީ އެމެރިކާއިން ފުރައިގެން މެކްސިކޯގައި ހުންނަ އެ ޓީމުގެ ބޭސް ކޭމްޕަށް ގޮސްފައެވެ. އެގޮތުން، މެޗު ނިމުނު ދުވަހުގެ ރޭގަނޑު 8:00 ހާއިރު ޓީމު ފުރާފައިވުމުން، ކުޅުންތެރިންނަށް އަރާމުކުރުމަށް ހޮޓަލުގައި މަޑުކުރުމުގެ ފުރުސަތު ދީފައިނުވާތީ ގިނަ ބަޔަކު ވަނީ އެމެރިކާއަށް ފާޑުކިޔާފައެވެ.
އީރާނު ޓީމުގެ ކޯޗު އާމިރް ގަލެނޯއީ ބުނި ގޮތުގައި، މެޗަށްފަހު ވަރަށް އަވަހަށް އެމެރިކާއިން ފުރައިގެން މެކްސިކޯއަށް ދިޔުމަށް އެ ޓީމަށް އޮތީ އަންގާފައެވެ. އަދި ފުރަތަމަ މެޗަށްފަހު ކުޅުންތެރިންގެ ރިކަވަރީއަށްޓަކައި ކެލިފޯނިއާގައި އެރޭ މަޑުކުރެވޭނެކަމަށް ޓީމުން އުއްމީދުކުރިކަމަށްވެސް އޭނާ ބުންޏެވެ.
ވައިޓް ހައުސްގެ ފީފާ ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑިރެކްޓަރ އެންޑްރޫ ޖިއުލިއާނީ ވިދާޅުވި ގޮތުގައި، އީރާނު ޓީމަށް އެމެރިކާއަށް އެތެރެވެވޭނީ މެޗު ކުޅޭ ދުވަހުގެ އެއް ދުވަސް ކުރިންނެވެ. އަދި މެޗު ކުޅެ ނިމޭ ދުވަހުގެ ރޭގަނޑު އެމެރިކާއިން ފުރަން އަންގާނެކަމަށާއި، ލޮސް އެންޖެލިސް އަދި ސިއެޓްލްގައި ކުޅޭ މެޗުތަކުގައިވެސް އަމަލުކުރާނީ މި އުސޫލުންކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނު ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނަށް ވިސާ ލިބުނު ނަމަވެސް، ޓީމުގެ ބައެއް އޮފިޝަލުންނާއި ސަޕޯޓް ސްޓާފުންނަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ދީފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ޖިއުލިއާނީ ވިދާޅުވީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުންހުރި އެއްވެސް ފަރާތަކަށް އެމެރިކާއަށް އެތެރެވުމުގެ ފުރުސަތު ނުދޭނެކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ މީގެ ކުރިން ވަރަށް ސާފުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ވޯލްޑް ކަޕަކީ އެފަދަ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމަށް އޮތް އުޒުރަކަށް ނުހަދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އީރާނުގެ ވިންގަރ މަހްދީ ތޮރާބީގެ ވިސާގެ މުއްދަތު ފުރަތަމަ މެޗަށްފަހު ހަމަވުމާ ގުޅިގެންވެސް އެމެރިކާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް، ކުރިއަށް ހުރި މެޗުތަކަށް އެމެރިކާއަށް އެތެރެވެވޭނެހެން އޭނާއަށް މަލްޓިޕަލް-އެންޓްރީ ވިސާއެއް ހަމަޖައްސާފައިވާކަމަށް އަންގާރަ ދުވަހު ޓީމުގެ އޮފިޝަލުން ވަނީ ބުނެފައެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓުން ބުނި ގޮތުގައި އެ މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައެވެ. އަދި އެކަން ސަމާލުކަމަށް އައުމާއެކު، ކުޅުންތެރިޔާއަށް ހުރިހާ މެޗެއްގައިވެސް ބައިވެރިވެވޭނެކަން ކަށަވަރުކުރުމަށް މަސައްކަތްކޮށްފައިވާނެކަމަށް އެ ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
އީރާނު ޓީމުގެ ކެޕްޓަން މަހްދީ ތާރެމީ ބުނި ގޮތުގައި، އާންމުގޮތެއްގައި ވަރަށް ކުރުކޮށް ކުރެވޭ ދަތުރެއް ނަމަވެސް، އާދީއްތަ ދުވަހު މެކްސިކޯގެ ޓިޖުއާނާއިން ލޮސް އެންޖެލިސްއަށް ދިޔުމަށް ފަސް ގަޑިއިރުގެ ދަތުރަކާއި ސެކިއުރިޓީ ޗެކްތަކާ ކުރިމަތިލާންޖެހުނެވެ. މިކަމާ ގުޅިގެން، ފީފާއިން އީރާނު ޓީމަށް އިތުރަށް އެހީތެރިވާންޖެހޭކަމަށް އޭނާ ވަނީ ބުނެފައެވެ.
