ފީފާ ވޯލްޑްކަޕް 2026 ގެ ގްރޫޕް މެޗުތައް ބާރުލާފައި ކުރިއަށްދާ އިރު ދެން އެންމެ އަވަހަށް ކުޅޭނީ ގްރޫޕް އެޗްގެ މެޗެކެވެ. މި ގްރޫޕްގައި ހިމެނެނީ ޔޫރަޕިއަން ޗެމްޕިއަންސް ސްޕެއިންގެ އިތުރުން މިފަހަރަށް އަލަށް ވޯލްޑްކަޕަށް އައި ކޭޕްވާާޑް، ސައުދީ އަރަބިއްޔާ އަދި އުރުގުއޭއެވެ.
ސްޕެއިން
ސްޕެއިންގެ ވޯލްޑްކަޕް ދަތުރު މިރޭ ފަށާ އިރު އެންމެ ގިނަ ބައެއްގެ ސުވާލަކީ މިރޭގެ މެޗުން އެޓީމުގެ ތަރި ލަމީން ޔަމާލް ފެނިގެންދާނެތޯ ނުވަތަ ނޫންތޯއެވެ. މުބާރާތުގެ ކުރިން ޔަމާލްއަށް ލިބުނު އިންޖަރީއަކާ އެކު އޭނާ މުބާރާތަށް އައި އިރު މިރޭގެ މެޗުން އޭނާ ފެނިދާނެ ކަމަށް ސްޕެއިންގެ ކޯޗު ވަނީ ބުނެފައެވެ. އެހެން ނަމަވެސް ފުލް 90 މިނެޓް އޭނާ ނުކުޅޭނެ ކަމަށް ސްޕެއިންގެ ކޯޗު ވަނީ ބުނެފައެވެ.
ކޭޕް ވާޑް
މިފަހުގެ މުބާރާތުގައި ވޯލްޑްކަޕަށް މުޅިން އާ ހަތަރު ޓީމެއް ހިމެނޭ އިރު ފުޓްބޯޅައިގެ ދުނިޔޭގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ތާރީހުގައި ނަން ޖަހާލުމުގެ ފުރުސަތު މިރޭ ލިބިގެންދާނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ކޭޕް ވާޑަށެވެ. ފަސް ލައްކަ މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑް ވެގެންދާނީ ވޯލްޑްކަޕްގައި ކުޅޭ އެންމެ ކުޑަ އެއް ގައުމަށެވެ. މި ޓީމުގައި ސްޕެއިންގެ ޑިފެންސްއަށް ބިރުވެރިކަން ކުރިމަތިކުރުވާނެ ކުޅުންތެރިންތަކެއް ވެސް އެބަތިއްބެވެ.
ސައުދީ އަރަބިއްޔާ
ގަތަރު 2022 ގައި ސައުދީ ކުޅުނު ފުރަތަމަ މެޗުގައި 2-1 އިން އެފަހަރުގެ ޗެމްޕިއަންއަށް ވީ އާޖެންޓީނާ ބަލިކުރި ވާހަކައަކީ އަދިވެސް ސައުދީގެ ސަޕޯޓަރުން ދައްކާ ވާހަކައެކެވެ. މިއީ ޖެހިޖެހިގެން ތިން ވަނަ ފަހަރު ސައުދީ ވޯލްޑްކަޕްގައި ކުޅޭ ފަހަރެވެ. އެގައުމުން ޖުމްލަ 7 ވޯލްޑްކަޕްގައި ކުޅެފައިވާ އިރު އެންމެ ފަހުން ވެސް އެމެރިކާގައި ބޭއްވި ފަހަރު ސައުދީން ވަނީ މުބާރާތުގެ ގަދަ 16 އަށް ގޮސްފައެވެ.
އުރުގުއޭ
1930 ވަނަ އަހަރު އޮތް އެންމެ ފުރަތަމަ ވޯލްޑްކަޕް ކާމިޔާބުކުރި އުރުގުއޭއަކީ ވޯލްޑްކަޕަށް އާ ގައުމެއް ނޫނެވެ. އޭނގެ 30 އަހަރު ފަހުން 1950 ވަނަ އަހަރު ވެސް އުރުގުއޭއިން މުބާރާތް ކާމިޔާބުކުރި އިރު މިއީ އުރުގުއޭ ވޯލްޑްކަޕްގައި ވާދަކުރާ 15 ވަނަ ފަހަރެވެ. އެހެން ނަމަވެސް އެންމެ ފަހުން ބޭއްވި މުބާރާތްތަކުގައި އުރުގުއޭގެ ސަޕޯޓަރުން ހިތް އެދޭ ފަދަ ނަތީޖާތައް ނެރެވިފައި ނުވާ އިރު މިފަހަރުގެ އަމާޒަކަށްވާނީ ގްރޫޕުން ދެވަނަ ބުރަށް ދިއުމެވެ.
