މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) މެޓް އޮފީހުގެ ހިދުމަތް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށައިފިއެވެ.

މެޓް އޮފީހުން ބުނީ، މާފަރު މީޓިއޮރޮލޮޖިކަލް އޮފީހުގައި އެވިއޭޝަން މީޓިއޮރޮލޮޖިކަލް ހިދުމަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ އެވިއޭޝަން ސިނާއަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެއްގެ ގޮތުގައި މެޓް އޮފީހުން ވަނީ ސިފަކޮށްފައެވެ.

މީގެކުރިން މާފަރު އެއާޕޯޓަށް ބޭނުންވާ މެނުއަލް މޫސުމީ މައުލޫމާތުތައް ހޯދަމުން އައީ އެ ސަރަޙައްދާ އެންމެ ގާތުގައި އޮންނަ ހަނިމާދޫ އެއާޕޯޓުގެ މެނުއަލް ސްޓޭޝަނުންނެވެ. ނަމަވެސް މާފަރުގައި އަލަށް ގާއިމުކުރި މި ސްޓޭޝަނާއެކު، އެ ސަރަޙައްދުގެ މޫސުން މިހާރަށްވުރެ ބޮޑަށް ސައްހަކޮށް ބުނެދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނާ ގުޅިގެން މާފަރުގައި އޮބްޒަވޭޓަރީ ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ ކުރީކޮޅު އެވެ. އެ އޮބްޒަވޭޓަރީ ހެދުމާއެކު، މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމް އދ. ގެ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ ޑަބްލިއުއެމްއޯގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްވާނެ ކަމަށް އެންވާރަމެންޓް މިނިސްޓްރީން މީގެ ކުރިން މައުލޫމާތު ދީފައި ވެއެވެ.

ރާއްޖޭގައި މިހާތަނަށް މެނުއަލް ވެދާ ސްޓޭޝަންތައް ގާއިމުކޮށްފައިވަނީ ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ހުޅުލޭގައެވެ. މާފަރުގައި ގާއިމުކުރި ސްޓޭޝަނާއެކު މިފަދަ ސްޓޭޝަންތަކުގެ އަދަދު މިހާރު ވަނީ 5 އަކަށް އިތުރުވެފައެވެ.

މި އާ ސްޓޭޝަނުގެ ސަބަބުން އެވިއޭޝަން ސިނާޢަތުގެ އިތުރުން މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށްވެސް އިތުބާރު ހުރި މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.