އެމެރިކާ، މެކްސިކޯ، ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 އަށް އެމެރިކާގައި ކޭމްޕް ހަދައިގެން އޮތް އިންގްލޭންޑް ޓީމުން ބޭނުން ކުރާ ބައެއް ސާމާނު ވަގަށް ނަގައިފިއެވެ.
މިގޮތުން، އެމެރިކާގެ ކެންސެސް ސިޓީއަށް އިނގިރޭސި ޓީމު ހޮނިހިރު ދުވަހުގެ ރޭ ދިއުމުގެ ކުރިން އެޓީމުގެ ބައެއް ސާމާނު ފޮނުވި ވޭނެއް ފަޅާލާ ތަމްރީނުތަކުަގައި ބޭނުން ކުރާ ބައެއް ސާމާނު ވަގަށް ނަގާފައިވާ ކަމަށް ހަބަރު ލިބެއެވެ. މީގެ ތެރޭގައި ތަމްރީނުތަކުގައި ކުޅުންތެރިން ބޭނުން ކުރާ ބޯޅައާ އިތުރު ބޫޓު ފަދަ ތަކެތި ހިމެނޭ ކަމަށް ވެސް ބީބީސީއިން ރިޕޯޓް ކުރެއެވެ. މީގެ އިތުރުން، ވަގަށް ނެގި ސާމާނު ދެނެގަތުމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.
މިމައްސަލަ އެމެރިކާގެ ފުލުހުން މިހާރު ބަލަމުންދާ އިރު ވައްކަން ކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބީބީސިން ރިޕޯޓްކޮށްފައިވެއެވެ.
އިނގިރޭސި ޓީމުގެ ފުރަތަމަ މެޗު ކުޅެން އޮތީ ބުދަ ދުވަހުގެ ދަންވަރު ރާއްޖޭ ގަޑިން 1 ޖަހާ އިރެވެ. އަދި ރަސްމީ ފަރިތަކުރުންތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު ސާމާނު ވަގަށް ނެގުމުގެ ސަބަބުން ފަރިތަކުރުންތަކަށް ބުރޫ އެރުމަކީ ވެސް އެކަށިގެންވާ ކަމެކެވެ.
ކެންސެސް ސިޓީގައި އިންގްލޭންޑުން ތިބޭ ބޭސް ކައިރީގައި މިދިޔަ ހަފްތާގައި ބަޑީގެ ހަމާލާތަކެއް ދިން ހާދިސާގެ ސަބަބުން ވެސް ވަނީ ކަންބޮޑުވުންތައް އުފެދިފައެވެ. މިހާދިސާގައި 9 މީހުން ޒަހަމްވީ އިރު ގިނަ މީހުން އެއްވެ އުޅޭ ތަންތާގައި މިގޮތަށް ބަޑީގެ ހަމަލާތައް ދިނުމަކީ އެމެރިކާގައި މިހާރު އާއްމު ކަމެކެވެ.
