ގަވާއިދާ ހިލާފަށް ޕައިރޭޓެޑް ޓީވީ ޗެނަލްތައް ދައްކަމުންދާ "ހިލޭޓީވީ" ވެބްސައިޓަށް ރާއްޖެއިން ނުވަދެވޭ ގޮތަށް ބްލޮކް ކުރުމަށް ސިވިލް ކޯޓުން މިއަދު އަމުރެއް ނެރެފިއެވެ.
މި އަމުރު ނެރެފައިވަނީ ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓްގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. މީޑިއާނެޓުން ކޯޓުގައި ބުނެފައިވަނީ، އެ ކުންފުނީގެ ފީޑުތައް ވަގަށް ނަގައިގެން "ހިލޭޓީވީ" އިން އާންމުންނަށް ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި އެ ވެބްސައިޓުގެ ޓެލެގްރާމް ގްރޫޕުގައި، މީޑިއާނެޓުން ބޮޑު އަގުދީގެން ރާއްޖެއަށް ދެއްކުމުގެ ހުއްދަ ހޯދާފައިވާ ވޯލްޑް ކަޕްގެ މެޗުތައް ވެސް ހިލޭ ބެލޭނެ ކަމަށް އިޝްތިހާރު ކޮށްފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.
މިމައްސަލަ ހުށައަޅާފައިވާ މީޑިއާނެޓުން ހާމަކޮށްފައިވާގޮތުން، ހިލޭޓީވީ ގެ މި އަމަލަކީ މީޑިއާނެޓުގެ ވިޔަފާރީގެ މަސްލަހަތަށާއި، އުސޫލުތަކުގެ ތެރެއިން ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއްކަމަށެވެ. އެހެންކަމުން، މައްސަލައިގައި ދާއިމީ ގޮތެއް ނިމެންދެން އެ ވެބްސައިޓް ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ، ވަގުތީ އަމުރެއް ނެރުމަށް ބޭނުންވާ ގާނޫނީ ޝަރުތުތައް ހަމަވާ ކަމަށެވެ. އަދި މި މައްސަލައިގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ވެސް އެފަދަ އަމުރެއް ނެރުމަށް އިއުތިރާޒުކޮށްފައެއް ނުވެއެވެ.
ކޯޓުގެ އަމުރުގައިވަނީ، މީޑިއާނެޓުން ހުށަހެޅި މައްސަލަ ނިމެންދެން، ރާއްޖޭގެ އެއްވެސް އައިޕީ އެޑްރެހަކުން "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހެދުމަށެވެ. މިއީ ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ހައްގުތައް ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
