މިރޭ ފަށަން ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގެ ފޯރިގަދަ މެޗުތައް ދިވެހި ސަޕޯޓަރުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި، މީޑިއާނެޓްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ސޮއިކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މީޑިއާނެޓާއެކު މި ފެށުނު ގުޅުމުގެ މައިގަނޑު މަގްސަދަކީ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ވޯލްޑްކަޕް ބަލާލުމުގެ ފުރިހަމަ ތަޖުރިބާއެއް ފޯރުކޮށްދީ، މުބާރާތުގެ ފޯރިގަދަ ވަގުތުތައް ކަސްޓަމަރުންނާ ވީހާވެސް ގާތުން ގެނެސްދިނުމެވެ.

މި ޕާޓްނަޝިޕްގެ ދަށުން، އުރީދޫގެ ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ފޯނު މެދުވެރިކޮށް މުބާރާތުގެ ހުރިހާ މެޗެއް ވަގުތުން ބަލާލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން އުރީދޫ އެޕްގައި ހިމެނޭ 'ހޮޅުއަށި' މެދުވެރިކޮށް 'WEARE26' ޕާސް އެކްޓިވޭޓް ކޮށްލުމުން، މީޑިއާނެޓް މެދުވެރިކޮށް މެޗުތައް ސްޓްރީމް ކުރެވޭނެއެވެ. މީގެ އިތުރުން، މި ޕާސް ނަގާ ފަރާތްތަކަށް މެޗުތައް ބަލާލުމަށް ޚާއްޞަ 3GB ގެ ޑޭޓާވެސް ހިލޭ ލިބިގެންދާނެއެވެ.

އުރީދޫއިން ބުނީ މި ހިދުމަތުގެ ސަބަބުން ކޮންމެ ތަނެއްގައި ހުރެގެންވެސް، އެއްވެސް މެޗެއްގެ ގޯލެއް ނުވަތަ މުހިންމު ވަގުތެއް ދޫކޮށްނުލައި ބަލާލުމުގެ ފުރުސަތު ސަޕޯޓަރުންނަށް ލިބިގެންދާނެ ކަމަށެވެ.

2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕަކީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދެވެ. އުރީދޫއާއި މީޑިއާނެޓް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތަކީ ދިވެހި ފުޓްބޯޅަ ސަޕޯޓަރުންނަށް މި މުބާރާތުގެ ފޯރި އެންމެ ފުރިހަމައަށް ގެނެސްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.