މިރޭ ދަންވަރު ރާއްޖޭ ގަޑިން 12 ޖަހާ އިރު ވޯލްޑްކަޕް 2026 މެކްސިކޯގައި ފަށާ އިރު މި މުބާރާތުގެ ފޯރި ދުނިޔޭގެ އެކި ހިސާބުތަކަށް ދަނީ ފޯރަމުންނެވެ. މި މުބާރާތުގައި މުޅިން އަލަށް ފެނިގެންދާ 4 ޓީމެއް ހިމެނޭ އިރު ގްރޫޕް އޭފްގައި ފެނިގެންދާނީ ވޯލްޑްކަޕްގެ ތަޖުރިބާކާރު ހަތަރު ޓީމެކެވެ. އެއީ ނެދެލޭންޑްސް، ޖަޕާން، ޓިއުނީޝިޔާ، އަދި ސުވިޑަންއެވެ.

ނެދެލޭންޑްސް

2026 ގެ ވޯލްޑްކަޕަށް ނެދެލޭންޑްސްއިން ގެންދިޔައީ ވަރުގަދަ ސްކޮޑެއް/ފޮޓޯ: އެކްސް

ނެދެލޭންޑްސް އަކީ ވޯލްޑްކަޕް ކާމިޔާބީގެ ފޮނި ރަހަ ނުލިބި އެހެން ނަމަވެސް އެމުބާރާތުގެ އެންމެ 'ކާމިޔާބު' އެއް ގައުމެވެ. މިގޮތުން، އެގައުމު ހިމެނެނީ އެންމެ ގިނަ ފަހަރު ވޯލްޑްކަޕްގެ ފައިނަލެއްގައި ނާކާމިޔާބީ އާ ކުރިމަތިލާން ޖެހުން ތިން ގައުމުގެ ތެރޭގައެވެ. މި ލިސްޓުގެ އެންމެ ކުރީގައި ހަތަރު ފައިނަލަކުން ބަލިވި ޖާމަނީ އޮތް އިރު ނެދެލޭންޑްސް އަދި އާޖެންޓީނާ އޮތީ 3 ފައިނަލަކުން ބަލިވެ ލިސްޓުގެ ދެވަނައާ ތިންވަނައިގައެވެ.

ނެދެލޭންޑްސް އެންމެ ފަހުން ފައިނަލަށް ދަތުރުކުރީ 2010 ގައެވެ. އެފަހަރުގެ މުބާރާތުގެ ފައިނަލްގައި 1-0 އިން ސްޕެއިން އަތުން ބަލިވި އިރު އެމެޗުގައި ވެސް މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ނެދެލޭންޑްސުންނެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮތް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރި ނެދެލޭންޑްސް މިފަހަރު އުތުރު އެމެރިކާގައި އޮތް މުބާރާތަށް ދަނީ އަނެއްކާވެސް އާއުއްމީދުތަކަކާ އެކުއެވެ. އަދި މިފަހަރުގެ މުބާރާތް ކާމިޔާބުކޮށް ތާރީހުގައި ނަން ފަވާލަން ބޭނުންވާނެ އިރު ވޯލްޑްކަޕް 2026 އަށް އެގައުމުން ގެންދިޔައީ ވަރުގަދަ ސްކޮޑެކެވެ. މިގޮތުން، ލިވަޕޫލްގެ ތިން ކުޅުންތެރިން ކަމަށްވާ ކެޕްޓަން ވާޖިލް ވެން ޑައިކް، ރަޔާން ގްރެވަންބާގް އަދި ކޯޑީ ގެކްޕޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.

ޖަޕާން

މިފަހަރު ވެސް ޖަޕާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭ/ފޮޓޯ: ގޫގަލް

މިއީ ޖަޕާން ވޯލްޑްކަޕްގައި ވިދިވިގެން ކުޅޭނެ 8 ވަނަ ފަހަރެވެ. އެޓީމުން ޖުމްލަ 4 ފަހަރު ދެވަނަ ބުރަށް ގޮސްފައިވާ އިރު އެންމެ ފަހުން ބޭއްވި ތިން މުބާރާތުގެ ގަދަ 16 ގައި ޖަޕާނު ހިމެނުނެވެ. އެފަހަރު ވެސް އެންމެ ވަރުގަދަ ގްރޫޕްގައި ޖަޕާނު ހިމެނުނު އިރު އެ މުބާރާތުގައި އެޓީމުން ވަނީ ޖާމަނީ އަދި ސްޕެއިން ވެސް ބަލިކޮށްފައެވެ. ޖަޕާނުގެ އަމާޒަކަށް މިފަހަރު ވެސް ވާނީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވަނަ ބުރު ކަށަވަރުކޮށް ކުއާޓާއިން ޖާގަހޯދުމެވެ.

މިކަން ހާސިލް ކުރެވޭނެ ފަދަ މޮޅު ސްކޮޑެއް ޖަޕާނުގައި އެބަ އޮތެވެ. މިގޮތުން، ސްޕެއިންގެ ރިއާލް ސޮސިއެޑޭޑްއަށް ކުޅޭ ޓަކެފޫސާ ކޫބޯގެ އިތުރުން އިންގްލޭންޑްގެ ބްރައިޓަންއަށް ކުޅޭ ކަރޫ މިޓޯމާގެ އިތުރުން ޖާމަނީގެ އެއިންޓްރެކްޓް ފްރޭންކްފާޓްއަށް ކުޅޭ ރިޓްސޫ ޑޮއާންއަކީ ވެސް ޖަޕާނު ސްކޮޑްގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. ޑޮއާން ވަނީ ޖާމަނީ ލީގުގައި 162 މެޗު ކުޅެ 32 ގޯލު ޖަހާ 26 އެސިސްޓް ހަދާފައެވެ.

ސުވިޑަން

ސުވިޑަން ވޯލްޑްކަޕަށް ކޮލިފައިވީ އުނދަގޫ ކެމްޕޭނަކަށް ފަހު/ފޮޓޯ: ގޫގަލް

13 ވަނަ ވޯލްޑްކަޕަކަށް ތައްޔާރުވަމުންދާ ސުވިޑަންއަށް މިފަހަރުގެ މުބާރާތަށް އަދެވުނީ ހަމަކިރިއާއެވެ. ޔޫރަޕިއަން ވޯލްޑްކަޕް ކުއަލިފައިންގްގައި ސުވިޑަން ހިމެނުނު ގްރޫޕުގައި ކުޅުނު އެއްވެސް މެޗަކުން އެޓީމު މޮޅުނުވި އިރު ޔޫރަޕްގެ ގައުމުތަކަށް ލިބޭ ޕްލޭ އޮފްގެ ޖާގައެއް ސުވިޑަންއަށް ލިބުނީ ޔޫއެފްއާ ނޭޝަނަސް ލީގުގެ ގްރޫޕް އެއްވަނަ ހޯދުމުންނެވެ. ޕްލޭ އޮފްގައި ޔޫކްރެއިން ބަލިކޮށް ހަނިގޮތަކަށް ޕޮލެންޑް ބަލިކޮށްގެން ވޯލްޑްކަޕްގެ ޖާގަ ސުވިޑަންއިން ކަށަވަރުކުރި އިރު އެޓީމަކީ ވެސް މިމުބާރާތުގެ ފައިނަލެއްގައި ކުޅެފައިވާ ޓީމެކެވެ. އެއީ 1958 ވަނަ އަހަރު އެގައުމުގައި އޮތް މުބާރާތުގެ ފައިނަލެވެ. އެފައިނަލްގައި ސުވިޑަން ބަލިވީ ޕެލޭގެ ބްރެޒިލް އަތުންނެވެ.

ސުވިޑަން ޓީމުގައި ވަރުގަދަ އެޓޭކެއް އެބައޮތެވެ. މިދިޔަ ސީޒަންގައި ބޮޑު އަގުގައި ނިއުކާސަލްއިން ލިވަޕޫލަށް ބަދަލުވި އެލެގްޒެންޑާ އައިސެކަށް އިންޖަރީގެ ސަބަބުން ކްލަބަށް ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް ގައުމީ ޖާޒީގައި އޭނާ ވިދާލާނެ ކަމަށް ބެލެވެއެވެ. މީގެ އިތުރުން އާސަނަލްއަށް ލީގު ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކުރި ސްޓްރައިކަރު ވިކްޓާ ގްޔޮކްރޭސް އަކީ ސުވިޑަން 2026 ގެ ވޯލްޑްކަޕަށް ދިއުމުގައި ވެސް ހާއްސެއް ރޯލެއް އަދާ ކުރި ކުޅުންތެރިއެކެވެ.

ޓިއުނިޝިއާ

ޓިއުނީޝިއާގެ ހެނިބަލްއަކީ އެގައުމުގެ އެންމެ އުއްމީދީ އެއް ކުޅުންތެރިޔާ/ފޮޓޯ: އެކްސް

މިއީ ޓިއުޝީއާ ވޯލްޑްކަޕް މުބާރާތެއްގައި ކުޅޭނެ 7 ވަނަ ފަހަރެވެ. މީގެ ކުރިން ކުޅުނު 6 މުބާރާތުގެ ގްރޫޕް ސްޓޭޖަށް ވުރެ ދުރަށް އެޓީމަށް ދެވިފައި ނުވާ އިރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި އޮންނަ މިމުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް އެޓީމުން ކުރާ އުއްމީދު ފޮންޏެވެ. ހާއްސަކޮށް ވޯލްޑްކަޕް ކޮލިފައިންގްގައި އެހާ ރަނގަޅު ނަތީޖާއެއް ހިފައިގެން މުބާރާތަށް ދިއުމަކީ ޓިއުނީޝިއާގެ ފޭނުން ވެސް ފަހުރުވެރިވާ ކަމެކެވެ. މި ގޮތުން، އެޓީމުން ކޮލިފައިންގް ނިންމާލީ އެއްވެސް މެޗަކުން ބަލިނުވެ ބައިކޮޅަށް އެންމެ ގޯލެއް ވެސް ނުވައްދާ އެންމެ ކައިރިން އޮތް ޓީމާ 13 ޕޮއިންޓްގެ ފަރަގެއް ހެދުމަށް ފަހުއެވެ.

ޓިއުނީޝާއާގެ ސްކޮޑަށް ބަލާ އިރު އެޓީމުގެ އެންމެ އުއްމީދީ ކުޅުންތެރިޔާއަކީ އިންގްލޭންޑްގެ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ހަނިބަލް މެޖްބަރީއެވެ. އުމުރުން 23 އަހަރުގެ މެޖްބަރީ މިހާރު ބާންލީއަށް ކުޅޭ އިރު މި ވޭތުވެދިޔަ ދެ ސީޒަންގައި އޭނާގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެން ދިޔައެވެ.