މި ބުރާސްފަތީގައި އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ފަށާ ވޯލްޑްކަޕް މުބާރާތުގައި މިފަހަރު ފުރަތަމަ ފަހަރަށް 48 ޓީމު ވާދަކުރާ އިރު ގްރޫޕް ސްޓޭޖްގައި 12 ގްރޫޕެއްގެ މެޗުތައް ފެނިގެންދާނެއެވެ. މިގޮތުން، މިމުބާރާތުގެ ގްރޫޕް އީގައި ޔޫރަޕްގެ ވަރުގަދަ ޖާމަނީގެ އިތުރުން އެފްރިކާގެ އެންމެ މޮޅު އެއް ޓީމު ކަމަށްވާ އަވަރީ ކޯސްޓް، ދެކުނު އެމެރިކާގެ އެކުއަޑޯ އަދި މުޅިން އަލަށް ވޯލްޑްކަޕުން ފެނިގެންދާ ކިއުރެސާއޯ ހިމެނެއެވެ.
ޖާމަނީ
ޖެހިޖެހިގެން 19 ވޯލްޑްކަޕްގައި ފެނިގެންދާނެ ޖާމަނީ އަކީ މިމުބާރާތް ހަތަރު ފަހަރު ކާމިޔާބުކޮށްފައި އޮތް ގައުމެކެވެ. އޭނގެ ތެރެއިން 3 ފަހަރު އެގައުމުގެ ދުނިޔޭގެ ތަށި ގެންދިޔައީ ހުޅަނގު ޖާމަނީގެ ގޮތުގައި އޮވެއެވެ. 1990 ވަނަ އަހަރު އިރުމަތީ ޖާމަނީއާ ހުޅަނގު ޖާމަނީ އެއްވި ފަހުން ޖާމަނީއަށް ވޯލްޑްކަޕް ތަށި ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި މުބާރާތެވެ.
ވޯލްޑްކަޕަށް ގެންދާ ޖާމަނީގެ ސްކޮޑަކީ ވަރުގަދަ ސްކޮޑެކެވެ. އެންމެ މުހިއްމު އެއް ކުޅުންތެރިއެއް ކަމަށްވާ ފްލޯރިއަން ވާޓްޒް މިދިޔަ ސީޒަންގައި ލިވަޕޫލާ ގުޅި މާ މޮޅު ކުޅުމެއް ނުދެއްކި ނަމަވެސް ގައުމީ ޓީމުގެ ޖާޒީގައި އަބަދުވެސް ތަފާތު ދައްކައެވެ. އެހެން ކަމުން 2025 ވަނަ އަހަރުގެ ޖާމަނީގެ އެންމެ މޮޅު ކުޅުންތެރިޔާއާ މެދު އޮތް އުއްމީދު ވެސް ބޮޑެވެ. މީގެ އިތުރުން ބަޔާންގެ ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާގެ ކުޅުން ބަލާލަން ވެސް ފޭނުން ތިބީ ކެތްމަދުވެފައެވެ. މިދިޔަ ސީޒަންގެ ބޮޑުބައި އިންޖަރީގައި ހޭދަކުރި މުސިއާލާ ސީޒަންގެ ނިންމާލީ ވަރުގަދަކޮށެވެ.
އައިވަރީ ކޯސްޓް
މިއީ 2014 ވަނަ އަހަރުގެ ފަހުން އައިވަރީ ކޯސްޓް ވޯލްޑްކަޕަށް ދާ ފުރަތަމަ ފަހަރެވެ. އޭގެ ކުރިން 2006 އަދި 2010 ވަނަ އަހަރުގެ މުބާރާތުގައި ވެސް އަވަރީ ކޯސްޓުން ކުޅުނު ނަމަވެސް މި ތިން ފަހަރު ވެސް ގްރޫޕް ސްޓޭޖުން ކުރިއަށް އެޓީމު ނުދެއެވެ.
ހުޅަނގު އެފްރިކާގެ ކުއަލިފައިންގްގައި އެއް ވަނަ ޓީމުގެ ގޮތުގައި ވޯލްޑްކަޕަށް ދިޔަ އަވަރީ ކޯސްޓްގެ އަމާޒަކަށް ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުމެވެ. މިކަމަށްޓަކައި ކޯޗު އެމާސް ފައެ ޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ފްރޭންކް ކެސީ އަދި އަމާދް ޑާލޯ ފަދަ ކުޅުންތެރިންގެ ބޭނުން އެންމެ ރަނގަޅަށް ހިފާނެ ކަމަށް ބެލެވެއެވެ.
އުމުރުން 29 އަހަރުގެ މިޑްފީލްޑަރ ކެސީއަކީ އަވަރީ ކޯސްޓްގެ ކެޕްޓަނެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު 102 މެޗުގައި 15 ލަނޑު ޖަހާދީފައެވެ.
އިންޖަރީގެ ސަބަބުން އިންގްލޭންޑްގެ މެންޗެސްޓާއަށް ކުޅޭ އަމާދްގެ ފަރާތުން މިސީޒަންގައި ޓީމަށް ފައިދާހުރި ކުޅުމެއް ނުފެނުނު ނަމަވެސް އޭނާ ސީޒަން ނިންމާލީ ވަރުގަދަކޮށެވެ. އަދި ސީޒަންގެ ފަހުކޮޅު ޔުނައިޓެޑަށް މުހިއްމު ގޯލުތަކެއް ޖަހާ ދިން އިރު މި ފޯމް އޭނާ ވޯލްޑްކަޕްގައި ވެސް ދައްކާނެ ކަމަށް އުއްމީދުކުރެވެއެވެ.
އެކުއަޑޯ
މިއީ އެކުއަޑޯ ވޯލްޑްކަޕް މުބާރާތަކުން ފެނިގެންދާނެ 5 ވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން ކުޅުނު 4 މުބާރާތުގެ ތެރެއިން ތިން މުބާރާތުގައި ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ އިރު 2006 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އަށް އެކުއަޑޯ ދިޔައެވެ. އަދި އެފަހަރު އެޓީމު ކަޓައިގެން ދިޔައީ އިންގްލޭންޑް އަތުންނެވެ.
އާޖެންޓީނާއަށް ނިސްބަތްވާ ސެބާސްޓިއަން ބަކާސީސީގެ ކޯޗުކަމުގެ ދަށުގައި އެކުއަޑޯ މިވަނީ ވަރުގަދަ ޑިފެންސިވް ޓީމަކަށްވެފައެވެ. މި ގޮތުން ކޮލިފައިންގެ ތަވާލުގެ ދެވަނައިގައި އޮވެގެން އެކުއަޑޯ ވޯލްޑްކަޕަށް ދިޔަ އިރު ކޮލިފައިންގްގައި އެޓީމުން ކުޅުނު އެންމެ ފަހު 9 މެޗުގައި ބައިކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ.
އެޓީމުގެ ވަރުގަދަ ޑިފެންސްގެ ފަހަތުގައި ތަޖުރިބާކާރު ޑިފެންޑަރު ވިލިއަން ޕަންޗޯ އަދި ޑިފެންސިވް މިޑްފީލްޑަރު މޯސެސް ކައިސައިޑޯގެ ދައުރު ބޮޑެވެ. ނިމިދިޔަ ސީޒަންގައި ފްރާންސްގެ ޕީއެސްޖިއަށް ލީގު ތައްޓާ ޗެމްޕިއަންސް ލީގު ތަށި ހޯދައިދިނުމުގައި ޕަންޗޯ މުހިއްމު ރޯލެއް އަދާ ކުރި އިރު ކައިސައިޑޯ ޕްރިމިއާ ލީގުގައި ވަރުގަދަ ކުޅުމެއް ދައްކާފައިވާ ކުޅުންތެރިއެކެވެ.
ކިއުރެސާއޯ
ވޯލްޑްކަޕްގެ ތާރީހުގައި ވެސް އެ މުބާރާތަށް ކޮލިފައިވި އެންމެ ކުޑަ ގައުމު މިފަހަރު ފެނިގެންދާނެއެވެ. ދެ ލައްކަ މީހުން ވެސް ހަމަ ނުވާ މި ގައުމު ވޯލްޑްކަޕަށް ކޮލިފައިވީ ކޮލިފައިވީ ކޮންކަކާފް ކޮލިފައިން ގްރޫޕް ކާމިޔާބުކޮށް، ކިންގްސްޓަންގައި ޖެމެއިކާއާ ދެކޮޅަށް ކުޅުނު މެޗުން 0-0 އިން އެއްވަރުވެގެންނެވެ.
ކޮލިފައިންގްގައި އެއްވެސް މެޗަކުން ބަލިނުވެ ކިއުރެސާއޯ ވޯލްޑްކަޕްއަށް ދިޔައީ ކުޅުނު 6 މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ ތިން މެޗުން މޮޅުވެގެންނެވެ.
ވޯލްޑްކަޕްގައި ވާދަކުރާ އެންމެ ކުޑަ ގައުމުގައި ވެސް ތަޖުރިބާކާރު ކުޅުންތެރިން އެބަތިއްބެވެ. މިގޮތުން، ތަޖުރިބާކާރު މިޑްފީލްޑަރު ލިއަންޑްރޯ ބަކޫނާ އަކީ އިންގްލޭންޑް އަދި ނެދަލޭންޑްސްގެ ލީގުތަކުގައި ކުޅެ ތަޖުރިބާ ހޯދާފައިވާ ކުޅުންތެރިއެކެވެ. މީގެ އިތުރުން އެޓޭކިންގް މިޑްފީލްޑަރު ޓަހިތް ޗޯންގް އަކީ ވެސް އިންގްލޭންޑްގެ އިތުރުން ޖާމަނީ އަދި ބެލްޖިއަމްގެ ލީގުތަކުގައި ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
