އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެނަކު ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާއިރު މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ދިވެހި ދެ ފިރިހެނުންނަށްވެސް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް މާލޭގެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، އިއްޔެގެ ވަގުތެއްގައި، ސ. ހިތަދޫ، ޖަބްރާނުގެ، ރަމީޒު އަބްދުﷲ (48 އަހަރު) ނިޔާވެފައިވާކަމަށް ފުލުހުން ވަނީ ބުނެފަވެ.

މި އެކްސިޑެންޓްގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށް އައްޑޫ ސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުގެ ރޭ 21:50 އެހައިކަންހާއިރުއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.