އައްޑޫ ސިޓީ ހިތަދޫގެ ބޮޑުމަގުގައި މިދިޔަ ހަފުތާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތަކެއް ލިބުނު ރަމީޒް އަބްދުﷲ ނިޔާވެއްޖެއެވެ.

ރަމީޒް ނިޔާވީ ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް، އޭޑީކޭ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓް (އައިސީޔޫ) ގައި ފަރުވާދެމުން ދަނިކޮށެވެ. އައިސީޔޫގައި ރަމީޒަށް ފަރުވާދެމުން ދިޔަ މުއްދަތުގެ ތެރޭގައި އޭނާގެ ހާލަތަށް އެއްވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހިގެންކަމަށެވެ. ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލު ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރިޕޯޓުކުރީ މިދިޔަ މެއި 31 ގެ ރޭގަނޑު 9:30 ހާއިރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ހިތަދޫގެ ބޮޑު މަގުގެ އިތުރުން އެ ރަށުގެ 16 ކިލޯމީޓަރުގެ ދިގު ލިންކް ރޯޑަކީ ރާއްޖޭގައި އެންމެ ގިނައިން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ އެއް މަގެވެ. މީގެ ކުރިންވެސް މި މަގުގައި ހިނގާފައިވާ އެކި އެކްސިޑެންޓުތަކުގައި ގިނަ ބައެއްގެ ފުރާނަ ގެއްލިފައި އެބަ ހުއްޓެވެ.