ވަޒީފާގެ މައިދާނުގައި ފިރިހެނުންނާ އެއް ހަމައެއްގައި މަސައްކަތް ކުރުމަށް އަންހެނުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ކޮމިޝަނާ ޝިފާއަތު އަބްދުއްރައްޒާގު ވިދާލުވެއްޖެއެވެ.
ރާއްޖެޓީވީން ރޭ ގެނެސްދިން ފަލަސުރުހީ ޕްރޮގްރާމުގައި އެ ކޮމިޝަނުން ކުރިޔަށްގެންދާ މައްސަލަތަކާބެހޭގޮތުން މައުލޫމާތު ދެއްވަމުން ޝިފާއަތު ވިދާޅުވީ ރާއްޖޭގައި ދަރިންބެލުމުގެ ކަންތައްތަކުގައި އެންމެ އިސްރޯލެއް އަދާކުރަމުންދަނީ އަންހެނުންކަމަށް ވީހިނދުގައި އަންހެނުންނަށް ވަޒީފާގެ މައިދާނުގައި ފިރިހެނުންނާ އެއް ފަންތިއެއްގައި މަސައްކަތްކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެފަ އެބަހުރި ކަމަށެވެ. އަދި ދަރިންނާ މައިބަފައިން ބެލުމުގަ ދައުލަތުގެ ތެރެއިން އެ ނިޒާމު އެންމެ ރަނގަޅަށް ފަހިކޮށްދެވިފައިނުވާ ކަމަށްވެސް ޝިފާއަތު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދުމުގައާއި ބޭންކުން ލޯނެއް ނެގުމުގައި ވެސް އަންހެނުންނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝިފާއަތުގެ ވާހަކައިގައި ވަނީ އަންހެންކުދިން ހިތާނުކުރުމުގެ ސަގާފަތަކީ ތަންކޮޅެއް ކުރިން ދިވެހި ރާއްޖޭގައި އޮތް ސަގާފަތަކަށް ވެފައި އަނެއްކާ މިހާރު އަލުން އެ ސަގާފަތް ފެށި އެކަމަށް ހިތްވަރުލިބޭ ގޮތަށް ވާހަކަދެއްކުމާ މިކަން ކުރިޔަށްގެންދާ ފަރާތްތައްވެސް އުޅޭ ކަން ފާހަގަކުރައްވާފައެވެ.